މެކްސިކޯއިން އިކުއެޑޯއާ އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަނީ ކޮރަޕްޝަންގެ ދައުވާ އުފުލުމުން އެސައިލަމް ހޯދަން މެކްސިކޯގެ އެމްބަސީއަށް ވަދެހުރި އިކުއެޑޯގެ ކުރީގެ ނައިބު ރައީސް ހައްޔަރު ކުރުމަށް ކިޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީ ފަޅާލުމުންނެވެ.
މެކްސިކޯގެ ރައީސް އަންޑްރެސް މެނުއަލް ލޮޕޭޒް އޮބްރަޑޯ މިކަން އިއުލާން ކުރެއްވީ ހުކުރު ދުވަހުގެ ހަވީރު ޑިސެމްބަރު މަހުން ފެށިގެން އެތަނުގައި ދިރިއުޅެމުން އަންނަ ޖޯޖް ގްލާސް ހައްޔަރު ކުރުމަށް އިކުއެޑޯގެ ފުލުހުން މެކްސިކޯ އެމްބަސީއަށް ގަދަކަމުން ވަނުމުންނެެވެ.
ގްލާސްގެ މައްޗަށް ވަނީ ރިޝްވަތާއި ކޮރަޕްޝަންގެ ދައުވާ ސާބިތުވެފައެވެ. އިކުއެޑޯގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ އޭނާގެ މައްޗަށް ކުރާ އިތުރު ތުހުމަތުތަކެއް ތަހުގީގު ކުރަމުންނެވެ.
އިކުއެޑޯގެ ވެރިރަށުގައި ހުންނަ މެކްސިކޯގެ ޑިޕްލޮމެޓިކް ހެޑްކުއާޓަރުގެ ބޭރު ދޮރުތައް ފަޅާލައި ފުލުހުން ވަނީ ގްލާސް ހޯދުމަށް އެތަނަށް ވަދެފައެވެ.
"މިއީ ކުރެވޭނެ ކަމެއް ނޫން، މިއީ މޮޔަކަމެއް،" ވެރިރަށް ކިޓޯގައި ހުންނަ މެކްސިކޯގެ ކޮންސިއުލާ ސެކްޝަންގެ ވެރިޔާ ރޮބަޓޯ ކެންސެކޯ އެމްބަސީގެ ބޭރުގައި ހުރެ ލޯކަލް ޕްރެސް އަށް ވިދާޅުވި އެވެ. "އަހަރެން ވަރަށް ކަންބޮޑުވޭ އެމީހުން އޭނާ މަރާފާނެތީ. މިކަން ކުރަން އެއްވެސް އަސާސެއް ނެތް، މިއީ މުޅިން އާދަޔާ ހިލާފު ކަމެއް."
އެ ނިންމުން ދިފާއުކޮށް އިކުއެޑޯގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިކުއެޑޯއަކީ މިނިވަން އިސްތިގުލާލު ގައުމެއް ކަމަށާއި އެއްވެސް ކުށްވެރިއަކަށް މިނިވަންކަމާއެކު ހުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ލޮޕޭޒް އޮބްރަޑޯ ވަނީ ގްލާސް ބަންދުކުރުމަކީ "ޚުދުމުޚުތާރު އަމަލެއް" ކަމަށާއި "ބައިނަލްއަގްވާމީ ގާނޫނުތަކާއި މެކްސިކޯގެ އިސްތިގުލާލާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއް" ކަމަށް ވިދާޅުވެ ރައްދު ދެއްވައިފަ އެވެ.
މެކްސިކޯގެ ސެކްރެޓަރީ އޮފް ފޮރިން ރިލޭޝަންސް އެލިޝިއާ ބާސެނާ އެކްސްގައި ޕޯސްޓު ކުރަމުން ގިނަ އަދަދެއްގެ ޑިޕްލޮމެޓުންނަށް އަނިޔާވެފައިވާ ކަމަށާއި އެއީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާ ހިލާފު ކަމެއް ކަމަށް ބުންޏެވެ.
ބާސެނާ ވިދާޅުވީ މެކްސިކޯއިން އެ މައްސަލަ އިންޓަނޭޝަނަލް ކޯޓަށް ގެންދާނީ ކަމަށެވެ. އަދި މެކްސިކޯގެ ޑިޕްލޮމެޓުން ތިބީ އިކުއެޑޯ ސަރުކާރުން ގައުމަށް އެނބުރި ދިއުމަށް ބޭނުންވާ ޔަގީންކަން ލިބުމުގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކިޓޯގައި ހުންނަ މެކްސިކޯގެ އެމްބަސީ ހުކުރު ދުވަހުގެ ރޭ ދަންވަރު ފުލުހުންގެ ވަރުގަދައަށް ގާޑުކޮށްފައި އޮތެވެ.
މީގެ އެއް ދުވަސް ކުރިން ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދުނީ އިކުއެޑޯގެ ރައީސް ޑެނިއަލް ނޯބޯއާ އެންމެ ފަހުން ކާމިޔާބު ކުރެއްވި އިންތިހާބާ މެދު "ވަރަށް ހިތާމަވެރި" ކަމަށް ދެކޭ ކަމަށް މެކްސިކޯގެ ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.
އޭގެ ރައްދުގައި އިކުއެޑޯ ސަރުކާރުން ވަނީ މެކްސިކޯގެ ސަފީރު ޕާސަނާ ނޮން ގްރާޓާ ކަމަށް ކަނޑައަޅައިފައެވެ.