ކަޒަކިސްތާން ކައިރީގައި އޮންނަ އޮރެންބާގްގެ ދެކުނު ސަރަހައްދުގައި ޑޭމެއް ފަޅައިގެން ގޮސް އެތައް ހާސް ރަޝިޔާ ރައްޔިތުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ޓާސް އަށް މައުލޫމާތު ދެމުން ލޯކަލް އޮތޯރިޓީން ބުނީ އުރާލް ކޯރުގެ ފެން ހިފެހެއްޓޭ ގޮތް ނުވެ ދެތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އުދައެރުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވާ ކަމަށް ރަޝިޔާގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ބުނެއެވެ.
ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސަރަހައްދުގެ 4،208 ބޮޑެތި މީހުންނާއި 1،019 ކުޑަކުދިން ހިމެނޭއިރު، 82،200 މީހުންނަށް ވަގުތީ ގޮތުން 495 ސެންޓަރު ތައްޔާރު ކުރަމުންދާ ކަމަށް ޓާސް އިން ބުނެ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް އުރާލް ކޯރުގެ ފެންގަނޑު ހުރީ ޑޭމް ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ މިންވަރަށް ވުރެ ގާތްގަނޑަކަށް ދެގުނައަށް މަތީގައި ކަމަށް ސަރަހައްދީ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ޑޭމް ފެއިލްވީ ހައިޑްރޮލިކް ސްޓްރަކްޗާ ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ، އެހެންކަމުން ޖިނާއީ ތަހުގީގެއް ހުޅުވާލާފައިވާތީ ކަމަށް ރީޖަނަލް ޕްރޮސެކިއުޓާ އޮފީހުން ބުންޏެވެ.
އެ ޑޭމްގެ ސަބަބުން އުރާލް ކޯރުގެ ފެނުން ސިޓީ ހިމާޔަތް ކުރަމުން ދިޔައެވެ. ހޮނިހިރު ދުވަހުގެ ހެނދުނު ވަންދެން ސިޓީގެ ބައެއް ޑިސްޓްރިކްޓްތަކަށް ފެން ފޯރާފައިވާއިރު، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅޭ ގެތައް ފެންބޮޑުވެފައިވާ ކަމަށް ޓާސް އިން ރިޕޯޓްކޮށްފައިވެ އެވެ.
"އޮރެންބާގްގައި ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރަމުން އެބަދޭ،" އޮރެންބާގް ސަރަހައްދުގެ ވެރިޔާ ސާގޭ ސަލްމިން ހޮނިހިރު ދުވަހު ޓެލެގްރާމް ޕޯސްޓެއްގައި ވިދާޅުވި އެވެ.
“މި ހާލަތުގައި އަޅުގަނޑުމެންނަށް އެއްވެސް އިޚްތިޔާރެއް ނެތް؛ ރޭގަނޑުގެ ތެރޭގައި [ކޯރު] ކްރިޓިކަލް ލެވެލްއަށް އަރާފާނެއެވެ. އަޅުގަނޑު ޑިމާންޑް ކުރަނީ އެންމެން ވަގުތުން ފްލަޑް ޒޯނުން ގެއިން ނުކުމެގެން ދިއުމަށް”
"ނުރައްކާތެރި ސަރަހައްދުން ނުކުންނަން ދެކޮޅު ހަދާ މީހުން ގަދަކަމުން ނެރޭނީ ފުލުހުންގެ ބައިވެރިވުމާއެކު" އޭނާ އިތުރަށް ވިދާޅުވި އެވެ.
230،000 މީހުންގެ އާބާދީއެއް އޮންނަ އޮރސްކް ސިޓީ އޮންނަނީ ރަޝިޔާ އާއި ކަޒަކިސްތާނާ ބޯޑަރު ކައިރީގަ އެވެ.
ކަޒަކިސްތާނުގެ ރައީސް ކަސިމް-ޖޯމާޓް ޓޮކާޔޭވް ސިފަކުރެއްވި ގޮތުގައި ފެންބޮޑުވުމަކީ ކަޒަކިސްތާނަށް 80 އަހަރު ތެރޭގައި ދިމާވި އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާގެ ކަމަށް ރޮއިޓާސް އިން ބުނެ އެވެ.