އެމެރިކާގައި ބޮއިންގް މަތިންދާބޯޓެއް އުދުހުމުގެ ތެރޭގައި އިންޖީނު ކަވަރިންގެ ބައެއް ނެއްޓި ވިންގް ފްލެޕްގައި ޖެހިއްޖެ އެވެ.
ސައުތުވެސްޓް ފްލައިޓް 3695 ޑެންވަރ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށް ހުކުރު ދުވަހުގެ ހެނދުނު 8.15 ހާއިރު އިންޖީނުގެ ކައުލިން ވަކިވެ ފިޔަގަނޑުގައި ޖެހި ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އިންޖީނު ކައުލިން ވައިގެ ތެރޭގައި ފަޅައިގެން ގޮސް މުޅިން ވަކިވެ، މަތިންދާބޯޓުގެ ފިޔަގަނޑުގައި ޖެހުމުގެ ކުރިން ފެނެ އެވެ.
135 ފަސިންޖަރުންނާއެކު ހިއުސްޓަން އަށް ދަތުރުކުރި ފްލައިޓު އެނބުރި ކޮލޮރާޑޯ އެއާޕޯޓަށް ދިޔައީ އެއްވެސް ހާދިސާއަކާ ނުލައި އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ސައުތުވެސްޓް އިން ބުނީ ބޯޓު "މެކޭނިކަލް މައްސަލައެއް ދިމާވުމުން ސަލާމަތުން ޖައްސާފައިވާ" ކަމަށް އޭބީސީ ނިއުސް އިން ބުނެ އެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އާދީއްތަ ދުވަހު އިއުލާން ކުރި ގޮތުގައި ބޮއިންގް 737-800 މަތިންދާބޯޓުގައި ހިނގި ހާދިސާ ތަހުގީގު ކުރާނެ ކަމަށެވެ.
އޭބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ލީސާ ސީގެ ނަން ދީފައިވާ ފަސިންޖަރަކު ބުނީ ކައުލިން ވަކިވީ ބޯޑިން ނިމުނުތާ ގާތްގަނޑަކަށް 10 މިނެޓް ފަހުން ކަމަށެވެ.
ފަސިންޖަރެއް ކަމަށްވާ ކޫޕަރ ގްލާސް އޭބީސީ ނިއުސްއަށް ބުނީ އެ ހާދިސާއަކީ "ބިރުވެރި" ހާދިސާއެއް ކަމަށާއި ނަމަވެސް އެއާޕޯޓަށް އެނބުރި އައުމުން ޕައިލެޓްގެ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސައުތުވެސްޓް އެއާލައިންސް އިން ބުނީ އެ އެއާލައިންގެ މެއިންޓެނަންސް ޓީމުތަކުން ދަނީ އެ މަތިންދާބޯޓު އިންސްޕެކްޓު ކުރަމުން ކަމަށެވެ. އެކަމުގެ އަސަރު ކުރި ފަސިންޖަރުން ވަނީ އެމީހުން އައުމަށް ހަމަޖެހިފައިވާ ގަޑިން ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އެހެން ފްލައިޓެއްގައި ހިއުސްޓަންއަށް ދަތުރުކޮށްފަ އެވެ.
މި ހާދިސާއަކީ ބޮއިންގް އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.