ދެކުނު ކޮރެއާގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސް އޮފިޝަލުން ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމަށް ހުށަހެޅީ ޕާލަމެންޓު އިންތިޚާބުގައި ވެރިކަން ކުރާ ޕާޓީއަށް ނާކާމިޔާބު ވުމާ ގުޅިގެންނެވެ.
ރައީސް ޔޫންގެ އޮފީހުން ބުނި ގޮތުގައި ސަލާމަތީ މައްސަލަތަކާ ހަވާލުވެ ތިއްބެވި ބޭފުޅުން ފިޔަވައި ބޮޑުވަޒީރު ހާން ޑަކް ސޫ އާއި ޔޫންގެ ރިޔާސީ އިސް މުޝީރުން އިސްތިއުފާ ހުށަހެޅުއްވި އެވެ. އެމީހުންގެ އިސްތިއުފާ ޔޫން ގަބޫލުކުރި ކަން އިއުލާން ނުކުރެއެވެ.
ދެކުނު ކޮރެއާގައި ވެރިކަން ކުރުމުގެ އެންމެ މަތީ ބާރު އޮތީ ރައީސް އަށް ނަމަވެސް ބޮޑުވަޒީރަކީ 2 ވަނައަށް އެންމެ އިސް އޮފިޝަލެވެ.
ޔޫން ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ފާޅުވާ އާންމު ޝުއޫރުތައް "އަމާނާތްތެރި ކަމާއެކު ދަމަހައްޓާނެ" ކަމަށާއި އާންމުންގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ދައުލަތުގެ ކަންކަން އިސްލާހުކުރުމަށް ފޯކަސް ކުރާނެ ކަމަށް ޔޫންގެ ރިޔާސީ ޗީފް އޮފް ސްޓާފް ލީ ކުވާން-ސެއޮޕް ޓީވީން ދެއްކި ބްރީފިންގައި ވިދާޅުވި އެވެ.
ވަކިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީގެ ލީޑަރު ހާން ޑޮންގް ހޫން ވަނީ އިންތިހާބުން ބަލިވުމުގެ ޒިންމާ ނަގަން މަގާމުން ވަކިވާނެ ކަމަށް ވިދާޅުވެފަ އެވެ.
ގިނަ ވޯޓު ގުނާފައިވާއިރު، 300 މެންބަރުންގެ ގައުމީ މަޖިލީހުގައި މައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއާއި އެ ޕާޓީގެ ސެޓެލައިޓް ޕާޓީއަށް ޖުމްލަ 175 ގޮނޑި ލިބިފައިވާ ކަމަށް ފެނުނެވެ.
ޔޫންގެ ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ އާއި އެ ޕާޓީގެ ސެޓެލައިޓް ޕާޓީއަށް 108 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވުނެވެ.
ރަސްމީ ނަތީޖާ ލިބޭނެ ކަމަށް ބެލެވުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ.
ނަތީޖާއަށް ބެލުމެއްނެތި ޔޫން ވެރިކަމުގައި ދެމިހުންނާނެ ކަމަށާއި އޭނާގެ ބޮޑެތި ޚާރިޖީ ސިޔާސަތުތަކަށް ބަދަލެއް ނުގެނެސްވުން އެކަށީގެންވެ އެވެ. އެކަމަކު ބުދަ ދުވަހުގެ އިންތިޚާބަކީ 2022 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ އިސް ޕްރޮސެކިއުޓާ ޔޫން އަށް ދިން މިޑްޓާމް ކޮންފިޑެންސް ވޯޓެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ޔޫން ވަނީ ސަލާމަތީ ގޮތުންނާއި އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާން އެމެރިކާ އާއި ޖަޕާނާ އެކު އެއްބާރުލުން އިތުރު ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާފަ އެވެ.
ސޯލްގެ ކޫކްމިން ޔުނިވާސިޓީގެ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާކާރު ހޮންގް ސުންގް ގުލް ވިދާޅުވީ ވިޔަފާރިއާ ރައްޓެހި ސިޔާސަތުތަކާއި ޓެކްސް އިސްލާހުތައް ތަންފީޒު ކުރަން ޔޫންއަށް އުނދަގޫވުން އެކަށީގެންވާ ކަމަށެވެ.
"ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު ޓެކްސް ނިޒާމު އިސްލާހުކުރުން ފަދަ މުހިންމު ސިޔާސަތުތަކުގައި ގާނޫނުތައް ހަދަން ޖެހެ އެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އިދިކޮޅު ޕާޓީތަކުން ޔޫންގެ މިފަދަ ސިޔާސަތު އެޖެންޑާތަކަށް ހުރަސް އެޅުމުގެ ފުރުސަތު ވަރަށް ބޮޑު" ހޮންގް ވިދާޅުވި އެވެ.