އިންތިހާއަށް ހޫނުގަދަވެގެން ކުޑަކުއްޖަކު މަރުވުމުން މުޅި މެލޭޝިއާގައި މޫސުމާ ގުޅުން ހުރި ބަލިތައް ޖެހުމުގެ ނުރައްކާ ފާހަގަކޮށްލެވެއެވެ. ހަމަ އެ ހަފްތާގައި ވިއެޓްނާމުން ވަނީ ދެކުނުގައި އާދަޔާ ހިލާފު ފިނިހޫނުމިނެއްގައި ދަނޑުބިންތައް ހިކިފައި އޮތުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ފިލިޕީންސްގައި ދުވާލަކު ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިއުމުން އެތައް ސަތޭކަ ސްކޫލެއްގެ ކްލާސްތައް މެދުކަނޑާލި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ނާޒުކު އެއް ސަރަހައްދު ކަމަށްވާ އިރުމަތީ ދެކުނު އޭޝިއާގައި 'އަންދާ' ހޫނު އަނބުރާ ވަނީ އައިސްފަ އެވެ. އަދި އެއީ އަވަހަށް ފިލައިގެންދާނެ ކަމެއް ނޫން ކަމަށް ސައިންސްވެރިން ވަނީ އިންޒާރު ދީފަ އެވެ.
11 ގައުމެއްގެ 675 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ސަރަހައްދުގައި މީގެ ކުރިން ނުފެންނަ މިންވަރަކަށް ފިނިހޫނުމިން ވަނީ މައްޗަށް އަރާފައި ކަމަށް މޫސުމާ ބެހޭ މާހިރު މެކްސިމިލިއާނޯ ހެރެރާ ސީއެންއެން އަށް ވިދާޅުވި އެވެ.
އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ތައިލެންޑަށް ކަމަށް ހެރެރާ ވިދާޅުވިއެވެ. މުޅި ގައުމުގެ ފިނިހޫނުމިން "ރެކޯޑްތައް މުގުރާލާ"ތާ 13 މަސް ދުވަސް ވެފައިވެއެވެ.
"އަހަރެމެން ހީކުރީ މިދިޔަ އަހަރުގެ ފިނިހޫނުމިން ކެތް ނުކުރެވޭނެ ކަމަށް އެކަމަކު (އަޅުގަނޑުމެންނަށް ފެންނަމުންދާ ކަންތައްތައް) މި އަހަރު އެއަށްވުރެ ކުރި ހޯދައިފި - ބެންކޮކްގެ ފިނިހޫނުމިން 30 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށަށް ނުދާނެ، އޭޕްރީލް މަހުގެ ބާކީ އޮތް ދުވަސްތަކުގައި ރޭގަނޑު ވެސް ހޫނުވާނެ" ހެރެރާ ސީއެންއެން އަށް ބުންޏެވެ.
"މި ޓްރެންޑަކީ ސަލާމަތް ނުވެވޭނެ ޓްރެންޑެއް. އޭޕްރީލް މަހުގެ ބާކީ އޮތް ދުވަސްތަކާއި މެއި މަހުގެ ބޮޑު ބައެއްގައި 'ބިރުވެރި' ހޫނުގަނޑަކަށް މި ސަރަހައްދު ތައްޔާރުވާން ޖެހޭ"
އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު ތައިލެންޑު އަހަރީ ހިކި މޫސުމަށް ވަދެގެން ދިޔައިރު، ވެރިރަށް ބެންކޮކްގެ ފިނިހޫނުމިން ގާތްގަނޑަކަށް 109 ޑިގްރީ ފަރެންހައިޓް އަށް އަރާފައިވެއެވެ.
ކައިރީގައި އޮންނަ ވިއެޓްނާމްގައި ހޫނު ރާޅުގެ ސަބަބުން ދެކުނަށް ވަރުގަދަ ހަނަފަސް ދުވަސްތަކެއް ކުރިމަތިވި – ފިނިހޫނުމިން ގާތްގަނޑަކަށް 104 ޑިގްރީ ފަރެންހައިޓް އަށް އަރައި، އެގައުމުގެ މުހިންމު ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުންތަކެއް ލިބުނެވެ. ވިއެޓްނާމަކީ ދުނިޔޭގެ އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ އެއް ގައުމެވެ. ވާރޭ މަދުވުމުން އެގައުމުގެ މެކޮންގް ޑެލްޓާ ސަރަހައްދުގެ ދަނޑުވެރިންނަށް އުނދަގޫތަކެއް ކުރިމަތިވެއެވެ.
ވިއެޓްނާމްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަނޑޫ ދަނޑުތަކާއި ކޯރުތައް ހިކިފައިވާއިރު، ދަނޑުވެރިން ވަނީ ދަނޑުވެރިންނަށް ވާރޭފެން ނުލިބި ދަތިއުނދަގުލާ ކުރިމަތިވެފަ އެވެ.