އެތައް ސަތޭކަ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތައް ހިމެނޭ ގޮތަށް އީރާނުން އިސްރާއީލަށް ދިން ހަމަލާ ހުއްޓުވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ފޮނުވި ހަމަލާގެ އަދަދު 300 އަށް ވުރެ ގިނަ ނަމަވެސް އޭގެ ތެރެއިން %99 ހުއްޓުވިކަމަށެވެ. ނަމަވެސް ބެލިސްޓިކް މިސައިލްތަކެއް އިސްރާއީލުގެ ސަރަހައްދަށް ފޯރައި، ވައިގެ މަރުކަޒަކަށް ކުދިކުދި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓް ކުރިއެވެ.
އީރާނުން އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން އައީ މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ވައިގެ ހަމަލާއަކުން ސޫރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ހަލާކުވެ، އީރާނުގެ ދެ ޝަޚްސިއްޔަތު ޖެނެރަލުން ހިމެނޭ ގޮތަށް 12 މީހުން މަރުވުމުންނެވެ.
"ވަރަށް މަދު ގެއްލުމެއް ލިބިފައިވޭ،" އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ބުންޏެވެ. އިސްރާއީލް ޑިފެންސް ފޯސަސްގެ ތަރުޖަމާނަކު ބުނީ 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯންގެ ތެރެއިން %99 ހުއްޓުވާފައިވާ ކަމަށެވެ. މުޅި ގައުމުގައި ސައިރެން ޖަހާފައިވާއިރު އުޑުމަތިން ގޮވުންތައް ފެނިގެން ދިޔައީ ލޯކަލް ގަޑިން ހެނދުނު 2 ޖަހާ އެހާކަންހާއިރެވެ.
ރޭގަނޑު ތެހެރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާގެ ބަދަލު އިސްރާއީލުން ހިފާނަމަ އެގައުމުގެ ސަރަހައްދަށް ބޮޑު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ. އަދި އީރާނާ ދެކޮޅަށް އިސްރާއީލުން އަސްކަރީ ފިޔަވަޅެއް އަޅަން ވޮޝިންޓަނުން ތާއީދުކޮށްފިނަމަ އެމެރިކާގެ މަރުކަޒުތަކަށް އަމާޒު ކުރާނެ ކަމަށްވެސް އިރާނުން ބުނެއެވެ.