ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އީރާނުން އިސްރާއީލަށް ފޮނުވާލި ގާތްގަނޑަކަށް ހުރިހާ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ހުއްޓުވައި، އޭގެ އަމާޒަށް ވާސިލުވިޔަ ނުދެވުނު ކަމަށް އިސްރާއީލާއި އެމެރިކާގެ އޮފިޝަލުން ބުނި ކަމަށް ސީއެންއެން އިން ރިޕޯޓް ކުރިއެވެ.
ފަސް ގަޑިއިރުގެ ހަމަލާގައި އީރާނު ސަރަހައްދުގެ އެތެރެއިން ފޮނުވާލި ކަމަށް ބެލެވޭ 300އަށް ވުރެ ގިނަ އީރާނުގެ ޑްރޯންއާއި މިސައިލްގެ ތެރެއިން ގިނަ ތަކެތި ހުއްޓުވާފައި ވަނީ އެ ހަމަލާތައް ފޮނުވާލި ހިސާބާ 1،100 މޭލަށް ވުރެ ދުރުގައި އިސްރާއީލަށް ދިއުމުގެ ކުރިން ކަމަށް އިސްރާއިލުން ހާމަކޮށްފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނީ އީރާނުން ފޮނުވާލި ޕްރޮޖެކްޓައިލްތަކުގެ "%99" އިސްރާއީލާއި އެގައުމުގެ ބައިވެރިން ހުއްޓުވާފައިވާ ކަމަށާއި އިސްރާއީލަށް ފޯރާފައިވަނީ "ކުޑަ އަދަދެއްގެ" ބެލިސްޓިކް މިސައިލް ކަމަށެވެ.
ޖުމްލަކޮށް ހޮނިހިރު ދުވަހުގެ ރޭ އީރާނުން އިސްރާއީލަށް 170 ވަރަކަށް ޑްރޯން އާއި 30 އަށް ވުރެ ގިނަ ކްރޫޒް މިސައިލް އަދި 120 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.
ހުކުރު ދުވަހު ކުރި ކޯލެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވިދާޅުވީ "އަގުހުރި" އެއްވެސް ތަނަކަށް ހަމަލާ އަރާފައި ނުވާތީ އެއީ އިސްރާއީލަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ޕްރޮޖެކްޓައިލްތައް ވައްޓާލުމަށް ބޭނުންކުރީ ސީދާ ކޮން ޑިފެންސްތަކެއްކަމާއި އޭގެ ތަފްސީލެއް ނުދީ އެމެރިކާގެ ނޭވީގެ ބޯޓުތަކާއި އަސްކަރީ މަތިންދާބޯޓުތަކުން 70 އަށް ވުރެ ގިނަ ޑްރޯނާއި ތިން ބެލިސްޓިކް މިސައިލް ހުއްޓުވި ކަމަށް ބުނެފައިވެއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ގައިޑްޑް މިސައިލް ޑިސްޓްރޯޔަރުގެ ދެ ބޯޓެއްގައި އެޖިސް މިސައިލް ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން މަދުވެގެން ތިން ބެލިސްޓިކް މިސައިލް ވައްޓާލާފައެވެ.
އެމެރިކާގެ ހަނގުރާމައިގެ މަތިންދާބޯޓުތަކުން ވެސް އީރާނުގެ ހަމަލާތައް ވައްޓާލި ކަމަށް ލިބަމަން ރިޕޯޓްކޮށްފައިވެއެވެ. އެ އެމެރިކާގެ ޖެޓްތައް އޮޕަރޭޓްކުރި ތަންތަން ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ނޭވީގެ މަތިންދާބޯޓު އުފުލާ ބޯޓުތަކާއި އެއާބޭސްތައްވެސް މި ސަރަހައްދުގެ ރޭންޖުގެ ތެރޭގައި އެބަހުއްޓެވެ.
ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އީރާނުގެ ހަމަލާއިން އިސްރާއީލު ދިފާއުކުރުމުގައި އެހީތެރިވުމަށް އެމެރިކާ އޮތީ ރަނގަޅަށް ތައްޔާރަށް ކަމަށެވެ.
"އިސްރާއީލުގެ ދިފާއުގައި އެހީތެރިވުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި މަތިންދާބޯޓާއި ބެލިސްޓިކް މިސައިލް ޑިފެންސް ޑިސްޓްރޯޔަރުތައް އެ ސަރަހައްދަށް ބަދަލުކޮށްފަ،" އެމެރިކާގެ ރައީސް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
"މި ޑިޕްލޮއިމަންޓްތަކާއި އަޅުގަނޑުމެންގެ ސާވިސް މެމްބަރުންގެ އާދަޔާ ހިލާފު ހުނަރުގެ ސަބަބުން، އަންނަ ހުރިހާ ޑްރޯންތަކާއި މިސައިލްތައް ވައްޓާލުމަށް އިސްރާއީލަށް އެހީތެރިވެދިނީ،" ބައިޑަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ބުނީ އެ ސަރަހައްދުގައި އެގައުމުގެ ރޯޔަލް އެއާފޯސްގެ މަތިންދާބޯޓުތައް ބޭނުންކޮށްގެން ވެސް ތަދައްޚުލްވާން ތައްޔާރަށް އޮތް ކަމަށެވެ.
"އިނގިރޭސިވިލާތުގެ ޖެޓްތަކުން ވައިގެ މަގުން ދޭ އެއްވެސް ހަމަލާއެއް އަޅުގަނޑުމެންގެ މިހާރު ހުރި މިޝަންތަކުގެ ރޭންޖުގެ ތެރޭގައި ބޭނުންވާ ގޮތަކަށް ހުއްޓުވާނެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނެއްގައިވެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވެސް ބުނެފައިވަނީ އީރާނުގެ ހަމަލާތައް ހުއްޓުވުމުގައި ފްރާންސްގެ ބައިވެރިވުން އޮތް ކަމަށެވެ.
“މިރޭ މިހަމަލާތައް ހުއްޓުވުމުގައި ބައިވެރިވި އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސްއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މި ޕާޓްނަޝިޕަކީ އަބަދުވެސް ގާތް ގުޅުމެއް، ނަމަވެސް މިރޭ އެކަން ފާޅުވީ އާދަޔާ ހިލާފު ގޮތަކަށް،” ތަރުޖަމާނު ބުންޏެވެ.
މީގެ އިތުރުން އިސްރާއީލުން ޖައްވުގެ މައްޗަށް ގެންދާ ޓްރެޖެކްޓޯރީތަކެއް ހުންނަ ބެލިސްޓިކް މިސައިލްތަކުން ފެށިގެން ތިރިއަށް އުދުހޭ ކްރޫޒް މިސައިލްތަކާއި ރޮކެޓްތަކާ ހަމައަށް ހަމަލާތައް ހުއްޓުވުމަށް ގިނަ ނިޒާމުތަކެއް ހިންގަ އެވެ.
އިސްރާއީލުގެ އަޔަން ޑޯމް ނިޒާމަކީ ޣައްޒާގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ އެތެރޭގައި ހަމާސްއިން ދިން ހަމަލާތައް ނާކާމިޔާބު ކުރަން ބޭނުން ކުރާ ނިޒާމެކެވެ.
އަޔަން ޑޯމް އަކީ އިސްރާއީލުގެ މިސައިލް ޑިފެންސްގެ ތިރީ ފަށަލަ ކަމަށް އެގައުމުގެ މިސައިލް ޑިފެންސް އޮގަނައިޒޭޝަން (އައިއެމްޑީއޯ) އިން ބުނެފި އެވެ.
އިސްރާއީލުގައި މަދުވެގެން 10 އަޔަން ޑޯމް ބެޓެރީ ހުރިއިރު، ކޮންމެ ބެޓެރީއެއްގައި ރޮކެޓްތައް ދެނެގަނެ، އޭގެ ފަހުން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމެއް ބޭނުންކޮށްގެން އަންނަ ޕްރޮޖެކްޓައިލަކުން ނުރައްކަލެއް ކުރިމަތިވޭތޯ ނުވަތަ އާބާދީ ނެތް ސަރަހައްދަކަށް ޖެހުމުގެ ފުރުސަތު އޮތްތޯ އަވަހަށް ހިސާބު ކުރެ އެވެ. އެ ރޮކެޓުން ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އަޔަން ޑޯމް އިން ބިމުން މިސައިލް ޖަހައިގެން ވައިގެ ތެރޭގައި އެ ރޮކެޓް ނައްތާލަ އެވެ.
މިސައިލް ޑިފެންސްގައި ކުރު އަދި މެދު ރާސްތާގެ ނުރައްކާތަކުން ރައްކާތެރިކޮށްދެނީ ޑޭވިޑްސް ސްލިންގް މިސައިލް ނިޒާމް ކަމަށް އައިއެމްޑީއޯ އިން ބުނެ އެވެ.
އިސްރާއީލުގެ ރަފައެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމް އާއި އެމެރިކާގެ ޑިފެންސް ޖަޔަންޓް ރޭތިއަން ގުޅިގެން ހިންގާ މަޝްރޫއެއް ކަމަށްވާ ޑޭވިޑްސް ސްލިންގް އިން ސްޓަނަރ އާއި ސްކައިސެޕްޓާ ކައިންޓިކް ހިޓް ޓު ކިލް އިންޓަސެޕްޓަރު ބޭނުންކޮށްގެން 186 މޭލު ދުރުގައި ޕްރޮޖެކްޓައިލް ނައްތާލުމުގެ ގާބިލުކަން ލިބިފައިވެއެވެ.
ޑޭވިޑްސް ސްލިންގަށްފަހު ދެން އިސްރާއީލުން ބޭނުން ކުރަނީ އެމެރިކާއާ ގުޅިގެން އުފައްދާފައިވާ އިސްރާއީލުގެ އެރޯ 2 އަދި އެރޯ 3 ސިސްޓަމްތަކެވެ.
ސީއެސްއައިއެސް އިން ބުނާ ގޮތުގައި އެރޯ 2 އިން ފްރެގްމެންޓޭޝަން ވޯހެޑް ބޭނުންކޮށްގެން އަންނަ ބެލިސްޓިކް މިސައިލްތައް އެމީހުންގެ ޓާމިނަލް ފޭސްގައި – އެމީހުންގެ އަމާޒުތަކާ ދިމާއަށް ޑައިވް ކުރާއިރު – މަތީ ޖައްވުގައި ނައްތާލަ އެވެ. އެރޯ 2 ގެ ރޭންޖަކީ 56 މޭލު އަދި އެންމެ މަތީ އުސްމިނަކީ 32 މޭލު ކަމަށް މިސައިލް ޑިފެންސް އެޑްވޮކޭޝަން އެލަޔަންސް އިން ބުނެ އެވެ.
މީގެ އިތުރުން އެރޯ 3 އިން ޖައްވުގައި އަންނަ ބެލިސްޓިކް މިސައިލްތައް އިންޓަސެޕްޓް ކުރުމަށް ހިޓް ޓު ކިލް ޓެކްނޮލޮޖީ ބޭނުން ކުރެ އެވެ.
އިސްރާއީލުގައި ޒަމާނީ ޖެޓުތައް ހުރިއިރު، އޭގެތެރޭގައި ޑްރޯންތަކާއި ކްރޫޒް މިސައިލްތައް ވައްޓާލުމަށް ބޭނުންކުރި އެފް-35އައި ސްޓެލްތު ޖެޓްތައް ވެސް ހިމެނެ އެވެ.
އިސްރާއީލާ ހަމައަށް ފޯރާފައިވާ ބެލިސްޓިކް މިސައިލްތައް ވެއްޓުނީ އިސްރާއީލުގެ ދެކުނުގެ ނެޓަވިމް އެއާ ބޭސްއަށް ކަމަށް އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުންޏެވެ. އަދި ހަމަލާއަށް ފަހު އެ ބޭސް ހިންގަމުން ގޮސް އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައިރު، ޖެޓުތަކުން ވެސް އެ ބޭސް ބޭނުން ކުރަމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ވައިގެ ސިފައިން ހުކުރު ދުވަހުގެ ވަގުތެއްގައި އާންމުކުރި ފޮޓޯތަކާ ވީޑިއޯ އިން ފެންނަ ގޮތުގައި ކާމިޔާބު "އިންޓަސެޕްޝަން" އާއި "އޭރިއަލް ޑިފެންސް މިޝަން" އަށް ފަހު އިސްރާއީލުގައި ހުރި އެފް-35 އަދި އެފް-15 ފަޔަރ ޖެޓްތައް އެނބުރި އިސްރާއީލުގައި ހުރި މަރުކަޒުތަކަށް އަންނަތަން ފެނެއެވެ.
އިސްރާއީލަށް ފޮނުވާލި ބައެއް ހަތިޔާރުތަކަކީ އިރާގާއި ޔަމަނުން ފޮނުވާފައިވާ ހަތިޔާރުތަކެއް ކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވިއެވެ.