ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހަދައި ބޭނުންކުރަން ފެއްޓެވި ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައި ކަނޑައަޅައިފިއެވެ.
މީގެ ކުރިން ސަރުކާރުގެ މައި ހޮސްޕިޓަލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރުކާރަކުން އަމިއްލަ އަށް އިސްނަގައިގެން ބިނާކޮށްފައިވާ ދިވެހިންގެ އަމިއްލަ ތަނެއްގެ ކަމަށާއި، ދިވެހީންގެ ގައުމިއްޔަތު ދައްކުވައިދޭ ތަނެއްކަމަށް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ، އިބްރާހިމް ހަލީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދިވެހިންގެ އަމިއްލަ ތަނެއް ކަނޑައެޅުމަކީ ރާއްޖެއަށް ލިބޭ ބޮޑު ފަހުރެއްގެ ގޮތުގައި ވެސް އޭނާ ވަނި ފާހަގަކުރައްވާފައެވެ.
އަައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށް، މީގެ 30 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ.
ނަމަވެސް އެ ތަނުގެ ޖާގަ ވަރަށް ކުޑަވެ އިމާރާތް ބާވެވައިވުމާއި ގުޅިގެން، އަބަދު މަރާމާތު ކުރަން ޖެހޭތީ ދިވެހި ސަރުކާރުގެ ހަރަދުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވީއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށް ހަމަޖެއްސިއިރު، މިހާތަނަށް ވެސް ބޮޑު ހޮސްޕިޓަލްގެ ގޮތުގައި ބަލަމުންދިޔައީ މީގެ އެތައް އަހަރެއް ކުރިން އިންޑިއާ ސަރުކާރުން އަޅައިފައިވާ، އެގައުމުގެ ތިންވަނަ ބޮޑު ވަޒީރުގެ ނަމުން ނަން ދީފައިވާ އައިޖީއެމްއެޗްކަން ފާހަގަކޮށްލެވެއެވެ.