

އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ ޑިސްޓްރޯޔަރުންގެ އެހީއެކު ހޮނިހިރު އަދި ހުކުރު ދުވަހު އީރާނާއި ޔަމަނުން އިސްރާއީލަށް އަމާޒުކޮށްގެން ދިން ހަމަލާގައި 80 އަށް ވުރެ ގިނަ ވަން ވޭ އެޓޭކް ޑްރޯން އާއި މަދުވެގެން ހަ ބެލިސްޓިކް މިސައިލް ނައްތާލާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޯމަ ދުވަހު ބުނެފިއެވެ.
އޭގެ ތެރޭގައި ލޯންޗާ ވެހިކަލްގައި ހުރި ބެލިސްޓިކް މިސައިލަކާއި ޔަމަނުގައި އީރާނުގެ ތާއީދު އޮންނަ ހޫތީން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ފޮނުވާލުމުގެ ކުރިން ބިމުގައި ނައްތާލި ހަތް ޔޫއޭވީ ހިމެނޭ ކަމަށް ސެންޓްކޮމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އީރާނުން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އިސްރާއީލުގެ ސަރަހައްދަށް ޑްރޯންތަކާއި މިސައިލްތަކުން ހަމަލާ ދީފައިވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އެގައުމުގެ އެމްބަސީ ކޮމްޕައުންޑަށް އިސްރާއީލުން ދިން ކަމަށް ޝައްކުކުރެވޭ ހަމަލާއެއްގައި ރިވޮލިއުޝަނަރީ ގާޑްސްގެ މަތީ ކޮމާންޑަރުން މަރުވުމުންނެވެ.
އީރާނުގެ އެތެރެއިން ފޮނުވާލި 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާގައި އެހާ ކުޑަ ގެއްލުމެއް ލިބުނީ އިސްރާއީލުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އުރުދުންގެ އެހީތެރިކަން ލިބުމުންނެވެ.
"އީރާނުގެ ނުރައްކާތެރި އަމަލުތަކާ ދެކޮޅަށް އިސްރާއީލުގެ ދިފާއުގައި ސެންޓްކޮމް އަދިވެސް އޮތީ. ސަރަހައްދީ ސަލާމަތް އިތުރު ކުރުމަށް ސަރަހައްދީ ހުރިހާ ބައިވެރިންނާ އެކު މަސައްކަތް ކުރަމުން ގެންދާނަން،" އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.