މަދުން ނޫނީ ނުފެންނަ ތޫފާނެއްގައި މަދުވެގެން އެކަކު މަރުވެ ގެތަކާއި ވިޔަފާރިތަކަށް ގެއްލުން ލިބުމުން މުޅި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކަމާބެހޭ ފަރާތްތަކާއި ކޮމިއުނިޓީތަކުން ބުދަ ދުވަހު ކުނިތައް ސާފުކުރަމުން ދިޔައެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޯކޮށް ވާރޭ ވެހުނުތާ ގަޑިއެއްހާއިރު ފަހން އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިއްކުމަށް ކުއްލި ހާލަތުގައި މަސައްކަތް ކުރާ މީހުން މަސައްކަތް ކުރި އިރު ގެއްލުމުގެ މިންވަރު ވަގުތުން ސާފެއް ނުވެއެވެ.
ޔޫއޭއީ އާއި އޮމާން ބޯޑަރުގައި އޮންނަ ސިޓީއެއް ކަމަށްވާ އަލް އައިން އަށް 24 ގަޑިއިރު ނުވަނީސް 254 އެމްއެމް (10 އިންޗި) ވާރޭ ވެހި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ މަރުކަޒުން ބުންޏެވެ. އެއީ 1971 ވަނަ އަހަރު ޔޫއޭއީ އުފެދުމުގެ ކުރިން 1949 ވަނަ އަހަރު ރެކޯޑްތައް ފެށުނު ފަހުން އެންމެ ގިނަ އަދަދެވެ.
ޔޫއޭއީގައި ބޯކޮށް ވާރޭ ވެހޭ މިންވަރު ބެލެހެއްޓުމަށް ބޭނުންވާ ފެން ހިއްކުމުގެ އިންފްރާސްޓްރަކްޗާގެ ބޮޑު ބައެއް ނެތެވެ.
ވިއްސާރަ އިތުރުކުރުމަށް ގިނަގިނައިން ޔޫއޭއީން ކްލައުޑް ސީޑިން އޮޕަރޭޝަންތައް ވެސް ހިންގަ އެވެ. މޫސުމާ ބެހޭ ގައުމީ މަރުކަޒުގެ ފޯކަސްޓަރަކު ވަނީ ދާދި ފަހުން ކްލައުޑް ސީޑިން އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ.
ބްލޫމްބާގުން މީގެ ކުރިން އެ އިދާރާއާ ހަވާލާދީ ބުނެފައި ވަނީ ތޫފާނުގެ ކުރިން ދުވަސްތަކުގައި ކްލައުޑް ސީޑިންގެ ހަތް އޮޕަރޭޝަނެއް ހިނގާފައިވާ ކަމަށެވެ.
މޫސުމީ ސައިންސްވެރިން ބުނާ ގޮތުގައި އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ގޮސް އެކިއެކި ހާދިސާތައް ހިނގަމުންދާ ކަމަށާއި އޭގެ ތެރޭގައި ޔޫއޭއީގެ ތޫފާން ފަދަ ގަދަ ވާރޭ ވެހެމުންދާ ކަމަށެވެ.
ބޯކޮށް ވާރޭ ވެހުމުގެ އަސަރު ބުދަ ދުވަހު ވެސް ކުރަމުންދާއިރު، މަގުތައް ބަންދުވެ، ފްލައިޓްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގްވާމީ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އިން ވަނީ ދުބާއީ އިން ފުރާ ފަސިންޖަރުން ޗެކިން އިން ރޭގަނޑު ދަންވަރު ހުއްޓާލައިފަ އެވެ. ފަތިހު ބައެއް ގޮތްގޮތުން ދަތުރުތައް ފެށި ފްލައިދުބާއީން ބުނީ ރޭގަނޑު ދަންވަރު ފަހުން ނޫނީ އޮޕަރޭޝަންތައް އާންމު ހާލަތަށް ނުގެންދާނެ ކަމަށެވެ. މީގެ އިތުރުން ބަޖެޓް ކެރިއާ އެއާ އަރަބިއްޔާއިން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 2 ޖަހާއިރު (ބުދަ ދުވަހުގެ 2200 ޖީއެމްޓީ) ޝާރުޖާއަށް ދިއުމާއި އައުމަށް ކުރާ ދަތުރުތަކަށް ޗެކްއިން ކުރުން މެދުކަނޑާލާފައެވެ.
ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު އެގައުމުގެ އުތުރުގެ ރަސް އަލް ޚައިމާ އަމީރާތުގައި އުދައެރުމުން 70 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވިކަމަށެވެ.