

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ހުކުރު ދުވަހު ބެއިޖިންގައި ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން ޒިންމާދާރުކަމާއެކު ބެލެހެއްޓުން މުހިންމު ކަމަށް ފާހަގަކުރެއްވި އެވެ.
"އެ އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި މުވާސަލާތީ ލައިންތައް ދަމަހައްޓައި ހަރުދަނާކުރުމަށާއި، އަނެއްކާވެސް އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުންތަކާ މެދު ޒިންމާދާރުކަމާ އެކީގައި ކަންކަން ކުރުމަށް އަޅުގަނޑުމެން މިތިބީ މަސައްކަތް ކުރަން" ނޫސްކޮންފަރެންސެއްގައި ބްލިންކެން ވިދާޅުވިއެވެ.
ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްލިންކެން އަށް ޝީ ވިދާޅުވީ އެ ދެގައުމު "ޕާޓްނަރުންނަށް ވާންޖެހޭނީ، ވާދަވެރިންނަށް ނޫން" ކަމަށެވެ.
"އަދިވެސް ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި، އަދި އިތުރު މަސައްކަތްތަކެއް ކުރަން އަދިވެސް ޖާގަ އެބައޮތް،" ޗައިނާގެ ލީޑަރު ބްލިންކެން އަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އެމެރިކާއަށް ވެސް ޗައިނާގެ ތަރައްގީއާ މެދު ހެޔޮ ނަޒަރަކުން ބަލާލެވޭނެ ކަމަށް،" ޝީ ވިދާޅުވި އެވެ. "މި އަސާސީ މައްސަލަ ހައްލު ކުރެވުމުން... ގުޅުންތައް ހަގީގަތުގައި ހަމައަކަށް އެޅި، ރަނގަޅުވެ، ކުރިއަށް ދެވޭނެ."
ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވި ގޮތުގައި ބްލިންކެން ވަނީ "ރަޝިޔާގެ ޑިފެންސް އިންޑަސްޓްރިއަލް ބޭސްއަށް ޕީއާރުސީން ތާއީދުކުރާ" ކަންކަމުގެ އިތުރުން ޓައިވާނާއި ދެކުނު ޗައިނާ ކަނޑާއި މެދުއިރުމަތީގެ ހާލަތާ ގުޅޭ ކަންބޮޑުވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.