ލޯންޗެއް ވަގަށް ނަގައިގެން ކުޑަ ފިރިހެން ކުއްޖަކު މާލެ އައީ ލޯބިވެރިޔާއާ ބައްދަލުކުރަން ނޫން ކަމަށާ އޭނާއައީ އޭނާގެ ލޯބިވެރިޔާ ސަލާމަތްކުރަން ކަން ހާމަވެއްޖެއެވެ.
މ. ދިއްގަރަށް މީގެ ދެ ދުވަސް ކުރިން ގެންދިޔަ ލޯންޗެއް ގެއްލުމާއި ގުޅިގެން ރޭ މީހަކު ވަނީ ލޯންޗު ވަގަށް ނަގާފައިވާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ޖަހާފައެވެ. ހަމަ އެއާ އެކު އެ ރަށުން ކުޑަ ކުއްޖަކު ގެއްލިގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ކުއްޖާގެ އާއިލާއިން އެ ކުއްޖާ ގެއްލިގެން ދިއްގަރު ޕޮލިހަށް ރިޕޯޓުކުރުމާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް ފުލުހުންނަށް ވަނީ، ގެއްލިގެން ކުރިން ރިޕޯޓުކޮށްފައިވާ ލޯންޗު ފެނިފައިކަމަށާ ލޯންޗު ފެނިފައިވަނީ ހުޅުމާލެ ފަޅުތެރެއިން ކަން ތޭރަ އޮންލައިނަށް ވަނި މައުލޫމާތު ލިބިފައެވެ.
އެގޮތުން ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗުގައި މާލެ އައިސްފައިވަނީ ދިއްގަރުން ގެއްލިގެން ރިޕޯޓުކުރި ކުއްޖާކަމާ އެ ކުއްޖާ މާލެ އައީ ރޭ ދަންވަރުކަން ވަނީ ކަށަވަރުވެފައެވެ. އަދި ލޯންޗު ދުއްވީ އެ ކުއްޖާ އަމިއްލަ އަށް ކަންވެސް ވަނީ ހާމަވެފައެވެ.
މިކަމާ ގުޅިގެން ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުޑަ ފިރިހެން ކުއްޖާ މާލެ އައީ ހުޅުމާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރުމަށެވެ. ނަމަވެސް އެކަން ހިނގައިދިޔައީ އެހެން ނޫންކަން ތޭރަ އޮންލައިނަށް ވަނީ ކަށަވަރުކުރެވިފައެވެ.
އެގޮތުން މި އޮންލައިނާ ވާހަކަ ދައްކަމުން އެރަށު މީހަކު ނަން ހާމަނުކުރުމަށް އެދި ބުނެފައިވަނީ، އެ ކުއްޖާ މާލެ އައީ ލޯބިވެރިޔާއަށް ކުރިމަތިވަމުން ދިޔަ ގޯނާ ތަކަކުން ލޯބިވެރިޔާ ސަލާމަތްކުރުމަށެވެ. އެގޮތުން އެ ފިރިހެން ކުއްޖާގެ ލޯބިވެރިޔާ ދިޔައީ "އެބިއުސް"ތަކަކާ ކުރިމަތިލަމުން ކަމަށާ އެކަމުން ލޯބިވެރިޔާ ސަލާމަތްކޮށްގެން ގެންދަން އެ ކުއްޖާ މާލެ އައީ ކަމަށް ވެސް އެމީހާ ވަނީ ކިޔައިދީފައެވެ.
މި ހާދިސާއަށް ފަހު އެ ދެ ކުދިންވެސް ވަނީ ގެއްލިފައި ކަމަށާ ދެ ކުދިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަންވެސް ވަނީ ކަށަވަރުވެފައެވެ. ކުޑަ ފިރިހެން ކުއްޖާ ރަށުން އައީ ދަބަހަކަށް ހެނދުން އަޅައިގެން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އަދި ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.