ޓިކްޓޮކުން ވަނީ ޗައިނާގެ ބެލެނިވެރި ކުންފުންޏަށް އެ އެޕް ވިއްކާލަން ނޫނީ އެގައުމުގައި މަނާކުރަން ފާސްކުރި އެމެރިކާގެ ގާނޫނާ ދެކޮޅަށް ދައުވާކޮށްފައެވެ.
އެ ދައުވާގައި ސޯޝަލް މީޑިއާ ކުންފުނިން ވަނީ އެ އަމަލަކީ އެ ކުންފުންޏާއި އެމެރިކާގެ 170 މިލިއަން ޔޫޒަރުންގެ "މިނިވަންކޮށް ވާހަކަ ދެއްކުމުގެ ހައްގުތަކަށް ވަދެގަތުން" ކަމަށް ބުނެފަ އެވެ.
އެގޮތުން އެމެރިކާއިން އެ ފިޔަވަޅު ޖަސްޓިފައި ކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި "ސްޕެކިއުލޭޓިވް ކަންބޮޑުވުންތަކެއް" ކަމަށާއި އެ ފިޔަވަޅު ހުއްޓުވުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ.
ގައުމީ ސަލާމަތުގެ ޖަސްޓިފިކޭޝަންތަކާ ހަވާލާދީ ރައީސް ޖޯ ބައިޑަން ވަނީ މިދިޔަ މަހު އެ ބިލު ގާނޫނަކަށް ހަދައިފަ އެވެ.
އެއީ ޓިކްޓޮކްގެ ޗައިނާގެ މިލްކުވެރިކަމުގެ ސަބަބުން އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ ޗައިނާ ސަރުކާރުގެ އަތަށް އަރާ ނުވަތަ ޕްރޮޕެގެންޑާއަށް ބޭނުން ކޮށްފާނެ ކަމުގެ ނުރައްކާ ބޮޑުވާ ކަމަށް ބުނެ ވޮޝިންޓަންގައި އަހަރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ ބަހުސްތަކާ ގުޅިގެންނެވެ.
ޓިކްޓޮކުން އެކަން ދޮގުކުރާއިރު، ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން ވަނީ އެ ވިޔަފާރި ވިއްކުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ބުނެފަ އެވެ.
ޗައިނާ ސަރުކާރުން ވަނީ އެ ގާނޫނުން އެމެރިކާއިން ބޭރުގެ ފަރާތަކަށް "ބުލީ" ކުރާ ކަމަށް ބުނެ ފާޑުކިޔައި، ވިއްކުމާ ދެކޮޅު ހަދާނެ އިޝާރާތެއް ދީފަ އެވެ.
އަންގާރަ ދުވަހު ނޫސްވެރިންނާ އެކު ބޭއްވި ބްރީފިންއެއްގައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭ ވިދާޅުވީ އެ ގާނޫނަކީ "މަނާކުރުމެއް ނޫން. އެއީ ޑައިވެސްޓްމަންޓެއް" ކަމަށެވެ.