. / ރޮއިޓަރސް
ދުނިޔެ
އިސްރާއީލުން މިހާތަނަށް ޣައްޒާގެ 300 އަށްވުރެ ގިނަ އިލްމުވެރިން ޝަހީދުކޮށްފައިވޭ
Azzama
އައްޒާމާ
13 މޭ 2024

އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން މުސްލިމު އެތަކެއް އާލިމުންނާއި ވެރިންގެ ފުރާނަ ގެއްލުމާއި ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެބޭފުޅުން ތިބީ ގަދަ އަޒުމެއްގައި ކަމަށާއި ފަސްނުޖެހޭ ކަމަށް 'މިޑްލް އީސްޓް އައި' އިން ރިޕޯޓް ކޮށްފައިވެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ޤުރުއާން ގާރީންނާއި، ދާއީންނާއި އިމާމުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 300 އިސްލާމީ އިލްމުވެރިންނާއި ޝެއިޚުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ދީނީ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން 500 އަށް ވުރެ ގިނަ މިސްކިތް އެއްކޮށް ސުންނާފަތިކޮށްފައިވާއިރު، ތާރީހީ އަލްއުމަރީ މިސްކިތް ހިމެނޭ ގޮތަށް އެތަކެއް މިސްކިތެއް ވަނީ ހަލާކުކޮށްލާފައެވެ.

އަދި ތާރީހީ ޗާޗް އޮފް ސެއިންޓް ޕޯރފައިރިއަސް ހިމެނޭ ގޮތަށް ތިން ޗާޗެއް ވެސް ވަނީ ސުންނާފަތިކޮށްފައެވެ. އެ މިނިސްޓްރީގެ މައި އިމާރާތާއި ގުރުއާން ޕޮޑްކާސްޓް އިންސްޓިޓިއުޓް ވެސް އިސްރާއީލުން ވަނީ ހަމަލާދީ ހަލާކުކޮށްލާފައެވެ.

ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، ޑިސްޕްލޭސްމަންޓް ކޭމްޕްތަކާއި ހޮސްޕިޓަލްތަކުގައި ދަރުސްތަކާއި އުއްމީދާއި ކެތްތެރިކަމުގެ ނަދޭހަތް ދިނުމާއި، ހަލާކުވެފައިވާ މިސްކިތްތައް ނަމާދަށް ހުޅުވުމާއި، ޤުރުއާން ކިޔަވައިދިނުމާއި ހިތުދަސްކުރުމުގެ ސެޝަންތައް ބާއްވައިގެން މިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދެއެވެ.

މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ އިސްރާއީލުން މިސްކިތްތަކަށާއި މުސްލިމް އިލްމުވެރިންނަށް އަމާޒު ކުރުމަކީ "ފަލަސްތީނު ރައްޔިތުންގެ އީމާންތެރިކަން މުގުރާލުމަށް ގަސްތުގައި ހިންގާ އަމަލެއް" ކަމަށެވެ.

"ދީނީ އިލްމުވެރިންނާއި ފެސިލިޓީތަކަކީ ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކުން ހިމާޔަތްކޮށްފައިވާ ތަންތަން ކަމުން އެތަންތަނަށް އަމާޒުކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް،" މިޑިލް އީސްޓް އައި އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދުނިޔެއަށް ދޭ މެސެޖަކީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކު ތެދުވެ، ކުށެއް ނެތް އާންމުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް އިހުތިޖާޖު ކޮށް، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތްކުރުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހާއްސަކޮށް އަރަބި ދުނިޔޭގައި ތިބި އިސްލާމީ އިލްމުވެރިންނާއި މިނިސްޓްރީތަކަށް ގޮވާލަން ސީރިއަސްކޮށް އަމަލުކޮށް އަޅުގަނޑުމެންގެ ރައްޔިތުންނަށް ހާއްސަކޮށް އަޅުގަނޑުމެންގެ ޝެއިޚުންނާއި އިލްމުވެރިންނާ ދެކޮޅަށް ހިނގަމުންދާ އަނިޔާތައް ހުއްޓުވުމަށް"

"އަޅުގަނޑުމެން މި ޒިންމާ އެމީހުންނަށް ދޫކޮށްލަނީ، آخرة ގައި ޣައްޒާގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންނަށް ޓަކައި އެމީހުން ކުރި ކަންތައްތަކާ ބެހޭގޮތުން الله ގެ ޙަޟްރަތުގައި ސުވާލުކުރާނަން"

ޣައްޒާގެ ފާހަގަކޮށްލެވޭ އިލްމުވެރިންނާއި ޝެއިޚުން ކަމަށްވާ ތައިސިރު އިބްރާހިމް، ނަޖީބާ އަލްދަޢަލީސް، އައުނީ އޯން، ވާއެލް އަލް ޒިރްދު، ބައްސާމް އަލް ސަފާދީ، އަދި އެތައް ބަޔަކަށް އިސްރާއީލުން ވަނީ ހަމަލާދީ ޝަހީދުކޮށްލާފައެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާގެ ޝަރީއާގެ ޑީން އަދި ލޯ ފެކަލްޓީ އަދި ފަލަސްތީނުގެ ސްކޮލަރސް ކޮމިއުނިޓީގެ މެމްބަރެއް ކަމަށްވާ ޕްރޮފެސަރު ތައިސިރު އިބްރާހިމް މުޅި އުމުރު ހޭދަކުރެއްވީ އިސްލާމްދީން އުނގެނުމުގައެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާއިން އިސްލާމީ ޢަޤީދާއާއި ފިޤުހު އިން ބެޗްލަރސް އަދި މާސްޓަރސް ޑިގްރީ ހާސިލް ކުރެއްވުމަށްފަހު މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީއަށް ދަތުރުކުރައްވައި އިސްލާމީ ފިޤުހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވިއެވެ.

ދަރުސްތަކުގެ އިތުރުން، ވަރިއާއި، ދެބަސްވުމާއި، ވާރުތަވެރިކަމުގެ ކަންކަމުގައި އޭނާ މުޖުތަމަޢަށް ނަސޭހަތްތެރިވެވަޑައިގަތުމަށް އޭނާގެ ޢިލްމު ބޭނުންކުރެއްވިއެވެ.

އިބްރާހިމް އަވަހާރަވީ ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު އިސްރާއީލުގެ ވައިގެ ހަމަލާއަކުން އަލް ނޫސައިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ އޭނާގެ ގެއަށް ދިން ބޮމުގެ ހަމަލާއެއްގައެވެ.

އޭނާގެ ދަރިކަލުން މުހައްމަދު، ފަސްވަނަ އަހަރުގެ މެޑިކަލް ދަރިވަރެއް ވިދާޅުވީ "ބައްޕައަކީ ހަމައެކަނި ބައްޕައެއް ނޫން އަހަރެންގެ ބޭބެ، ރަހުމަތްތެރިޔާ، އަދި އެކުވެރިއެއް،".

މުހައްމަދު ސިފަކުރެއްވި ގޮތުގައި އޭނާގެ އަވަހާރަވެފައިވާ ބައްޕައަކީ "ލޯތްބާއި މާފުކުރުމާއި ދީލަތިކަމުގެ ރަމްޒެއް" ކަމަށެވެ.

"މި ބިރުވެރިކަން ހުއްޓުވަން ޖެހޭ،" އޭނާ އިތުރަށް ބުންޏެވެ.

އިސްރާއީލުން ދިން ހަމަލާއެއްގައި ފުރަތަމަ ހަފުތާގައި އަންހެން އިމާމެއް ކަމަށްވާ ނަޖީބާ އަލް ދަޢުލީސް ވެސް ވަނީ ޝަހީދުވެފައެވެ. އެކަމަނާއަކީ 20 އަހަރަށްވުރެ ގިނަ ދުވަހު އަންހެން ކުދިންނާއި އަންހެނުންނަށް ގުރުއާން މުދައްރިސެއްގެ ގޮތުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

"އެކަމަނާއަކީ ދަރިވަރުންނަށް މަންމައެއް، ޣައްޒާގެ އަންހެނުންގެ މުޖުތަމައުގެ ލީޑަރެއް، އަދި ހަގީގަތުގައި ވެސް ހިތްހެޔޮ މީހެއް،" ޤުރުއާން ޓީޗަރު އުއްމު-ބިލާލް ވިދާޅުވި އެވެ.

"އެކި ރާގުތަކުގައި ޤުރުއާން ކިޔެވުމުގެ ހުނަރު ހުރި އިރު، އެންމެ މަތީ ކިޔެވުމުގެ ކޯސްތައް ހާސިލް ކުރައްވައި، އެ ކޯސްތައް އެކަމަނާގެ މުޅި ހަޔާތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ވަރަށް ޝައުޤުވެރިވިއެވެ."

"އަހަންނަކީ އޭނާގެ ދަރިވަރެއް، އަދި އެކުވެރިޔެއް. އެކަމަނާއަކީ އަހަންނަށް ނަމޫނައެއް."

"އެކަމަނާ އަޅުގަނޑުމެންނަށް ދަސްކޮށްދިނީ އިސްލާމްދީނަކީ ސުލްހަވެރި ދީނެއް ކަމަށާއި ތަރައްގީއާއި ވިސްނުނަށް ހުޅުވިފައިވާ ދީނާއި ދިރިއުޅުމަށް ލޯބިކުރާ ދީނެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަޝްހޫރު ޤުރުއާން މުދައްރިސެއް، އާންމުކޮށް ވާހަކަ ދެއްކުންތެރިއެއް އަދި އިމާމެއް ކަމަށްވާ އަވްނީ އަވްން ވަނީ މާޗް މަހު އަލްމަޣާޒީ ރެފިއުޖީ ކޭމްޕްގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އޭނާގެ އާއިލާގެ މެމްބަރުންނާ އެކު ޝަހީދުކޮށްލާފައެވެ.

އުމުރުން 65 އަހަރުގައި ޝަހީދުވިއިރު އެބޭފުޅާ އަކީ ޔުނައިޓެޑް ނޭޝަންސް ރެފިއުޖީ އެންޑް ވޯކްސް އެޖެންސީ ފޯ ދަ ފަލަސްތީން (އުންރްވާ) ގެ އިނގިރޭސި ޓީޗަރެކެވެ.

އޭނާ ވަނީ ޣައްޒާގެ އަލްޒައިތޫނާ ކޮލެޖުގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

"އޭނާގެ ހިނިތުންވުން ދުވަހަކުވެސް މޫނުމަތިން ނުފޮހެވެއެވެ. އަބަދުވެސް މީހުންނަށް ލޯތްބާއި އޯގާތެރިކަން ދައްކައި، އެމީހުންނާ ސަމާސާ ކުރަން ވަރަށް ލޯބިކުރިއެވެ. ކުރިން އޭނާގެ ދަރިވަރުންނަށް ޤުރުއާން ކިޔަވައިދެމުން ދިޔައީ އެއްވެސް ތަފާތެއް ނެތް، ޝައުގާއެކީ" އޯންގެ ކުރީގެ އެކުވެރިއެއް ކަމަށްވާ އަބޫއާބިދު އަލް ބަޔޫމީ ބުންޏެވެ.

“ދުނިޔެ ހިމޭނުން އޮންނާނީ ކިހާ ދުވަހަކު ހެއްޔެވެ؟ ކޮބާތަ އަރަބި އަދި މުސްލިމް ކަމަށް ބުނާ ދުނިޔެ؟” އަބޫޢަބިދުލް ބަޔޫމީ ސުވާލު ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved