ދޯހާއިން ޑަބްލިންއަށް ދަތުރުކުރި ފްލައިޓެއް ވައިގެ ތެރޭގައި ތެޅުމުގެ (ޓާބިއުލެންސް) ސަބަބުން 12 މީހަކަށް އަނިޔާވެއްޖެއެވެ.
ބޮއިންގް 787-9 ޑްރީމްލައިނާ ތުރުކީ މަތިން ވައިގެ މަގުން ދަތުރުކުރަމުން ދަނިކޮށް ޓާބިއުލެންސް ކުރިމަތިވި ކަމަށް ޑަބްލިން އެއާޕޯޓް އޮޕަރޭޓަރު ޑީއޭއޭ އިން ބުނެއެވެ.
ލޯކަލް ގަޑިން 13:00 ގެ ކުޑައިރުކޮޅެއް ކުރިން ގަތަރު އެއާވޭސްގެ ފްލައިޓް ކިއުއާރު017 ޖެއްސުމާއެކު އެއާޕޯޓް ޕޮލިހާއި އެމްބިއުލާންސް އަދި ފަޔާ އޮފިސަރުން ހިމެނޭ ގޮތަށް ކުއްލި ހާލަތުގައި ހިދުމަތް ދޭން ފެށިއެވެ.
ހަ ފަސިންޖަރުންނާއި ހަ ފަޅުވެރިންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"ޑަބްލިން އެއާޕޯޓްގެ ޓީމުން ފަސިންޖަރުންނާއި އެއާލައިންތަކުގެ މުވައްޒަފުންނަށް ބިންމަތީގައި ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުން އެބަދޭ،" ޑީއޭއޭގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ޑީއޭއޭއިން އިތުރަށް ބުނެފައިވެއެވެ.
ނޭޝަނަލް އެމްބިއުލާންސް ސާވިސް އިން ބުނީ އެއާޕޯޓަށް ހާޒިރުވުމަށް ޕްރީ އެލާޓް ލިބިފައިވާ ކަމަށާއި "މިވަގުތު ސައިޓްގައި ތިބީ ފަސިންޖަރުން ބޯޓުން ފޭބުމަށް މަގުފަހިކޮށްދީ ސަޕޯޓް ދެމުން" ކަމަށެވެ.
ގަތަރު އެއާވޭސް އިން ބީބީސީ ނިއުސް އެންއައި އަށް ދިން ބަޔާނެއްގައި ބުނީ "ފްލައިޓްގައި މަދު އަދަދެއްގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އެމީހުންނަށް ސިއްހީ ފަރުވާ ދެމުންދާ" ކަމަށެވެ.
އަދި "މި މައްސަލަ މިހާރު އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދާ" ކަމަށް ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވާއިރު މިދިޔަ ހަފްތާގެ ކުރީކޮޅު ސިންގަޕޫރަށް ދަތުރުކުރި ފްލައިޓެއް ޓާބިއުލެންސްގައި ޖެހުމުގެ ސަބަބުން އުމުރުން 73 އަހަރުގެ އިނގިރޭސި މީހަކު މަރުވެފައިވެއެވެ.
100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން 20 މީހުން ތިބީ ބުރަކަށީގެ އަނިޔާތަކާ ގުޅިގެން އިންޓެންސިވް ކެއާގައެވެ.
ސިންގަޕޫރު އެއާލައިންސްގެ ސީއީއޯ ގޯ ޗޫން ފޮންގް ވަނީ "ކުއްލިއަކަށް ކުރިމަތިވި ޓާބިއުލެންސްގެ" އަސަރު ކުރި އެންމެންނަށް "އެންމެ ފުން މައާފަށް" އެދިވަޑައިގެންފައެވެ.
ސިންގަޕޫރުގެ ސަރުކާރުން ވަނީ މިހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ވައުދުވެފައެވެ.