އިޓަލީގެ ދެކުނުގެ އައްސޭރީގައި ދެ ބޯޓު ފަރަށް އެރުމުގެ ސަބަބުން 11 މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ސަލާމަތް ކުރާ ފަރާތްތަކުން ބުނެފިއެވެ.
ޖަރުމަނުގެ ޗެރިޓީ ޖަމިއްޔާއެއް ކަމަށްވާ ރެސްކިއުޝިޕް އިން ބުނީ ލަމްޕެޑޫސާ ރަށް ކައިރީގައި އަޑިއަށް ދިޔަ ބޯޓަކުން 51 މީހުން ނެގި ކަމަށާއި ތިރީ ޑެކްގައި ތާށިވެފައި އޮތް 10 ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ހަމަ އެދުވަހު ހިނގި އެހެން ހާދިސާއެއްގައި 60 އަށް ވުރެ ގިނަ މީހުން ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހުންނަކީ ކުޑަކުދިން ކަމަށް މެޑިސިންސް ސަންސް ފްރޮންޓިއަރސް (އެމްއެސްއެފް) އިން ބުނެއެވެ.
އެ ބޯޓުފަހަރުގައި ތިބީ ލީބިޔާ އާއި ތުރުކީން ފުރައިގެން ދިޔަ ހިޖުރަވެރިން ކަމަށް އދ.ގެ އިދާރާތަކުން ހާމަކުރިއެވެ.
ލަމްޕެޑޫސާ ކައިރީގައި ބޯޓު ފަރަށް އެރުމުން ސަލާމަތްވި މީހުން އިޓަލީގެ ކޯސްޓްގާޑާ ހަވާލުކޮށް ހޯމަ ދުވަހުގެ ހެނދުނު އައްސޭރިއަށް ގެންގޮސްފައިވާއިރު، މަރުވި މީހުން އެ ޖަޒީރާއަށް ގެންދިޔަ ކަމަށް ރެސްކިއުޝިޕް އިން ބުނެއެވެ.
ލީބިޔާއިން ފުރައިގެން ދިޔަ މި ބޯޓަކީ ސޫރިއާ، މިސްރު، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ކަމަށް އދ. ގެ ރެފިއުޖީ އެޖެންސީ ޔޫއެންއެޗްސީއާރް އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި އދ.ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަނެއް އުޅަނދު ބަންޑުންވީ އިޓަލީގެ ދެކުނުގެ ކަލަބްރިއާގެ އައްސޭރިފަށުން ގާތްގަނޑަކަށް 125 މޭލު ބޭރުން ކަމަށް އެ އިދާރާތަކުން ބުނެއެވެ.
އިޓަލީގެ ކޯސްޓްގާޑުން ބުނީ ސަލާމަތްވި 12 މީހުންގެ ތެރެއިން އެކަކު މަރުވެފައިވަނީ ސަލާމަތް ކުރި ފަހުން ކަމަށެވެ.
އެމްއެސްއެފްގެ ޝަކީލާ މުހައްމަދީ ވިދާޅުވީ ސަލާމަތްވި މީހުންގެ ފަރާތުން 66 މީހުންގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން 26 ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނޭ ކަމަށެވެ.
ޝަކީލާ ބުނިގޮތުގައި އަފްޣާނިސްތާނުގެ މުޅި އާއިލާއެއް އެއްކޮށް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
މެޑިޓެރޭނިއަން އަކީ ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރި ހިޖުރަ ކުރާ މަގެވެ.
އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 23،500 އަށް ވުރެ ގިނަ ހިޖުރަވެރިން ވަނީ އެ ސަރަހައްދުގައި މަރުވެފައެވެ.