އެންވީޑިއާ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކަށް ވެފައިވަނީ އެ ކުންފުނީގެ ހިއްސާގެ އަގު އަންގާރަ ދުވަހު އުފުލިގެން ދިއުމުންނެވެ.
މި ސްޓޮކް ގެ ވިޔަފާރި ދުވަސް ނިމުނީ ގާތްގަނޑަކަށް 136 ޑޮލަރަށް އަގު އުފުލިގެންނެވެ. އެއީ 3.5 ޕަސެންޓްގެ ކުރިއެރުމަކާ އެކު މައިކްރޮސޮފްޓަށް ވުރެ އަގުބޮޑު ސްޓޮކެކެވެ. އެ ކުންފުނިން އެޕަލް ފަހަތަށް ޖައްސާލީ މި މަހުގެ ކުރީކޮޅެވެ.
އެންވީޑިއާ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޮފްޓްވެއާ އަށް ބޭނުންވާ ކޮމްޕިއުޓަރު ޗިޕްތައް އުފައްދާއިރު، އެ ކުންފުނީގެ އުފެއްދުންތަކަށް ޑިމާންޑް އިތުރުވުމުން ފާއިތުވި އަހަރުތަކުގައި އެ ކުންފުނީގެ ވިޔަފާރި އާއި ފައިދާ ވަނީ އިތުރުވެފައެވެ.
ގިނަ އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި އެ ކުންފުނީގެ އާމްދަނީ މިއަށްވުރެ ވެސް މައްޗަށް ހިނގައިދާނެ ކަމަށާއި އެކަމުގެ ސަބަބުން ހިއްސާގެ އަގު އުފުލޭނެ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެ ކުންފުނީގެ އާދަޔާ ޚިލާފަށް މަތި ވެލިއުއޭޝަނާ މެދު ސުވާލު އުފައްދައިފައެވެ.
އަންގާރަ ދުވަހުގެ ހިއްސާގެ އަގު ބޮޑުވުމުން މާކެޓުން މިހާރު އެކުންފުނީގެ އަގު 3.34 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއަހަރު ފެށުނު ފަހުން އެ ކުންފުނީގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެފައެވެ.
މީގެ އަށް އަހަރު ކުރިން މި ސްޓޮކްގެ އަގު ހުރީ މިހާރު ހުރި އަގުގެ %1 އަށްވުރެ ދަށުގައެވެ.
އޭއައި ޑިވެލޮޕަރުންގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑެވެ. މައިކްރޮސޮފްޓް، ގޫގުލް، މެޓާ އަދި އެޕަލް އަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޕްރޮޑަކްޓްތައް އުފެއްދުމަށް ކުރިމަތިލާ ޓެކް ހެވީވެއިޓްތަކުގެ ތެރެއިން ބައެއް ކުންފުނިތަކެވެ.
މި ވާދަވެރިކަމުގެ ފައިދާ ލިބެނީ އޭއައި ޗިޕް މާކެޓުގެ ބޮޑު ބައެއްގައި ވެރިކަންކުރާ އެންވީޑިއާއަށެވެ.
އެގޮތުން އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ އަގު ކުރިއަށް އޮތްތަނުގައި ވެސް އުފުލިގެންދާނެއެވެ. އެންވީޑިއާގެ ވިޔަފާރިއާއި ފައިދާގެ އަދަދު ވަނީ ފާއިތުވި އަހަރުތަކުގައި ގިނަ އެނަލިސްޓުން އުންމީދުކުރި ވަރަށް ވުރެ މައްޗަށް ގޮސްފައެވެ.