ރަޝިޔާގެ ރައީސް ޕޫޓިންގެ އިސްތިގުބާލުގައި އުތުރު ކޮރެއާގެ ވެރިރަށުގެ މަގުތަކުގައި ބުދަ ދުވަހު އުފާފާޅުކުރާ މީހުންނާއި ސައިކަލުގައި ތިބި ސިފައިންނާއި އެކިއެކި ބިލްބޯޑްތައް ޖަހާފައި ހުއްޓެވެ.
ނިއުކްލިއާ ހަތިޔާރު ހުރި ދައުލަތަށް މަދުން ނޫނީ ނުފެންނަ ދަތުރެއްގައި ރަޝިޔާގެ ލީޑަރާއި އުތުރުން ވަނީ ހަމަލާއެއް ލިބިއްޖެ ނަމަ އެކަކު އަނެކަކަށް އެހީތެރިވުމަށް ވައުދުވެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ޔޫކްރޭންގައި ކުރާ ހަނގުރާމައަށް މޮސްކޯގެ އަސްކަރިއްޔާއަށް ބޭނުންވާ އެމިއުނިޝަން ފޯރުކޮށްދިނުމުގެ ބަދަލުގައި ޕިއޮންގްޔަންގަށް އަސްކަރީ ޓެކްނޮލޮޖީ ބަދަލުކުރުން އިތުރަށް މަގުފަހިވެދާނެއެވެ. އެމެރިކާގެ އޮފިޝަލުން މީގެ ކުރިން އެންބީސީ ނިއުސްއަށް ވިދާޅުވެފައި ވަނީ މިފަދަ ޓްރާންސްފާތަކުގެ ސަބަބުން އުތުރު ކޮރެއާގެ ނިއުކްލިއާ ގާބިލްކަން ވަރަށް ބޮޑަށް އިތުރުވެ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނުރައްކާވެދާނެ ކަމަށެވެ.
ހަތިޔާރު ޓެސްޓްކުރުން އިތުރުކޮށް، އެމެރިކާގެ އެކުވެރި ދެކުނު ކޮރެއާއާ އެކު ނުތަނަވަސްކަން އުފައްދަމުން އަންނަ ކިމް ވަނީ ރަޝިޔާއިން ޔޫކްރޭންގައި ހިންގާ "ޚާއްސަ އަސްކަރީ އޮޕަރޭޝަނަށް" "ފުރިހަމަ ތާއީދެއް" ދޭނެ ކަމަށް ބުދަ ދުވަހު ވައުދުވެފައެވެ.
ޕޫޓިން ބުދަ ދުވަހު ކުރެއްވި ދަތުރުފުޅަކީ 24 އަހަރަށް ފަހު އުތުރު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ކިމްގެ ކާފަ އަދި އުތުރު ކޮރެއާގެ ބާނީގެ ނަމުން ނަން ދީފައިވާ ސެންޓްރަލް ޕިޔޮންގްޔަންގްގެ ކިމް އިލް ސަންގް ސްކޮއާގައި ބޭއްވި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ޕޫޓިން ވަޑައިގެންނެވީ މެންދުރުގެ ވަގުތެއްގައެވެ.
އުފާފާޅުކުރަމުން ދިޔަ އާންމުންގެ ގިނަ ބައެއްގެ ކުރިމަތީގައި ހުއްޓިވަޑައިގެން ޕުޓިން އާއި ކިމް ވަނީ އެ ސިޓީގެ ސެންޓްރަލް ލައިބްރަރީގެ ބޭރުގައި ހުރި ރެޑް ކާޕެޓުގައި އޮފިޝަލުންނާ ސަލާމް ކުރައްވާފައެވެ. އަސްކަރީ ބޭންޑުތަކުން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެ، ކުޑަކުދިން ފުއްޕާހަންތަކާއި ރަޝިއާ އާއި އުތުރު ކޮރެއާގެ ދިދަތައް އުފުލާލިއެވެ.
އެއަށްފަހު ކިމް އާއި ޕޫޓިން ވަނީ ކުމްސޫސަން ޕެލަސްގައި ސަމިޓް މަޝްވަރާތަކަށް ވަޑައިގެންފައެވެ.
"ޔޫކްރޭން ވެސް ހިމެނޭ ގޮތަށް ރަޝިޔާގެ ސިޔާސަތަށް އެއްގޮތަކަށް ވެސް ފަސްނުޖެހި ކުރައްވާ ތާއީދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރަން،" މަޝްވަރާތައް ފެށުމުގެ ކުރިން ޕޫޓިން ވިދާޅުވިއެވެ.
އަދި ރަޝިޔާއިން ހަނގުރާމަ ކުރަމުންދަނީ “އެމެރިކާއާއި އެގައުމުގެ ސެޓެލައިޓްތަކުން ރަޝިޔާއާ ދެކޮޅަށް ދިގު ޒަމާންތަކެއް ވަންދެން ލާޒިމުކުރި އިމްޕިރިއަލިސްޓް ސިޔާސަތާ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިމް ވިދާޅުވީ ރަޝިޔާ އާއި އުތުރު ކޮރެއާގެ ގުޅުން "އާ ދުވަސްވަރަކަށް ވަންނަމުންދާ" ކަމަށާއި އުތުރު ކޮރެއާއިން "ޝަރުތަކާ ނުލައި ރަޝިޔާގެ ހުރިހާ ސިޔާސަތުތަކަށް ތާއީދުކުރާނެ" ކަމަށެވެ.
ދެގައުމުގެ ވަފުދުތަކުގެ މަޝްވަރާތައް ގާތްގަނޑަކަށް ގަޑިއިރާއި ބައި ވަންދެން ކުރިއަށް ދިޔައިރު، އޭގެ ފަހުން ކިމް އާއި ޕޫޓިންގެ މެދުގައި އިތުރު ދެ ގަޑިއިރުގެ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.
މީގެ ކުރިން ބުދަ ދުވަހުގެ ހެނދުނު ޕޫޓިން ވަޑައިގަތުމުން ސަލާމް ކުރުމަށް ޕިއޮންގްޔަންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ކިމް ހުންނެވީ އަތުގައި ހިފާ ބައްދާލައްވައިގެން ކަމަށް ކޮރެއާގެ ދައުލަތުގެ މަރުކަޒީ ނިއުސް އެޖެންސީން ބުނެއެވެ. އެއަށްފަހު އޭނާގެ ލިމޮޒިންގައި ޕޫޓިންއާއެކު ފޫޓިން މަޑު ކުރައްވަން ހަމަޖައްސަވާފައިވާ ކުމްސޫސަން ސްޓޭޓް ގެސްޓް ހައުސްއަށް ވަޑައިގަތެވެ.
އެ އިދާރާއިން ބުނީ ލިމޮޒީންގެ ތެރޭގައި ދެ ލީޑަރުން "އެބޭފުޅުންގެ ފޮރުވިފައިވާ އެތެރޭގެ ޚިޔާލުތައް ބަދަލުކޮށްފައިވާ" ކަމަށެވެ.
ކިމްގެ ބައްޕާފުޅު ކިމް ޖޮންގް އިލްއާ ގުޅުން ރަނގަޅު ކުރުމަށް 2000 ވަނަ އަހަރު ޕޫޓިން އެންމެ ފަހުން ޕިއޮންގްޔަންގަށް ވަޑައިގެންނެވިއިރު، މިދިޔަ އަހަރު އުތުރު ކޮރެއާގެ މިހާރުގެ ލީޑަރު ރަޝިޔާގެ އިރުމައްޗަށް ކުރެއްވި ދަތުރުފުޅުން އެ ގުޅުން ފުންވަމުންދާ ކަމުގެ ނިޝާންތައް ފެނިގެން ދިޔައެވެ.
ބުދަ ދުވަހު ޕޫޓިން ވަނީ އެ ސްޓްރެޓެޖިކް އެގްރީމަންޓަކީ ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ދިގު މުއްދަތުގެ ގުޅުން ބައްޓަން ކުރާނެ "އަސާސީ ލިޔުމެއް" ކަމަށް ވިދާޅުވެފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން "ހަތިޔާރުގެ ވިޔަފާރީގެ ބިންގާ އެޅުމުގެ އިތުރުން އެމެރިކާއާ ދެކޮޅު ފަރާތްތަކަށް ވެސް މަގުފަހިވެގެންދާނެ،" ހޮނޮލޫލުގައި ހުންނަ ޑެނިއަލް ކޭ އިނޫއޭ އޭޝިއާ ޕެސިފިކް ސެންޓާ ފޯ ސެކިއުރިޓީ ސްޓަޑީޒްގެ ޕްރޮފެސަރު ލާމީ ކިމް ވިދާޅުވިއެވެ.
ހުޅަނގުގެ އޮފިޝަލުން ކަންބޮޑުވަނީ ޔޫކްރޭންގައި ތިބި ޕޫޓިންގެ ލަޝްކަރަށް އެހީތެރިވެދޭނެ ހަތިޔާރާއި ޖާސޫސީ މައުލޫމާތު ހިއްސާކުރުމާ މެދުގައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން އަންގާރަ ދުވަހު ވިދާޅުވީ ރަޝިޔާއިން މަސައްކަތް ކުރަމުންދަނީ "ޔޫކްރޭނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފޯރުކޮށްދޭނެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރަން" ކަމަށެވެ.
އޭނާ ވިދާޅުވީ އުތުރު ކޮރެއާއިން ރަޝިޔާއަށް "މުހިންމު އެމިއުނިޝަން" ފޯރުކޮށްދިނުމުގެ އިތުރުން ޔޫކްރޭންގައި ބޭނުން ކުރުމަށް ބޭނުންވާ އެހެން ހަތިޔާރުތައް ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެމެރިކާގެ ޖާސޫސީ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ޕޫޓިން އުތުރު ކޮރެއާއަށް ނިއުކްލިއާ ސަބްމެރިން އާއި ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދެނީ އޭގެ ބަދަލުގައި ކަމަށް އެމެރިކާގެ އިސް ހަ އޮފިޝަލަކު އެންބީސީ ނިއުސްއަށް ވަނީ ބުނެފައެވެ. އެމީހުން ބުނި ގޮތުގައި އެމެރިކާ ސަރުކާރުގެ ކަންބޮޑުވުމަކީ ނިއުކްލިއާ ހަތިޔާރު އެކުލެވޭ މިސައިލެއް ފޮނުވާލުމުގެ ގާބިލްކަން ހުރި ފުރަތަމަ ސަބްމެރިން އުތުރު ކޮރެއާ ފީލްޑް ކުރުމަށް އަޅަންޖެހޭ އެންމެ ފަހުގެ ފިޔަވަޅުތައް ފުރިހަމަ ކުރުމަށް ރަޝިޔާއިން އެހީތެރިވެދެވިދާނެކަމެވެ.
އުތުރު ކޮރެއާ އާއި ރަޝިޔާއިން ވެސް ވަނީ ހަތިޔާރު ބަދަލުކުރުމުގެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
އުތުރު ކޮރެއާއާ ދެކޮޅަށް އދ. އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާއިން ނިންމާލީ މިއަހަރުގެ ކުރީކޮޅު ސަލާމަތީ މަޖިލީހުގެ ވީޓޯއަކުންނެވެ.
ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ބުނީ ރަޝިޔާއާއި އުތުރުގެ އެއްވެސް އެއްބާރުލުމަކުން މިހާރު އޮތް ގަރާރުތަކާ ހިލާފުވެ، "ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރައިގެން ނުވާނެ" ކަމަށެވެ.
ޕިއޮންޔޮންގްގެ ހީނަރުވެފައިވާ އިގްތިސާދާއި މިސައިލް ޕްރޮގްރާމަށް ބޭނުންވާ ތެލާއި ގުދުރަތީ ވަސީލަތްތައް ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
"އެ މީހުންގެ އެއްބާރުލުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު އިތުރަށް ހީނަރުވެގެންދާނެ،" ހޮނޮލޫލޫގެ ޕްރޮފެސަރު ކިމް ވިދާޅުވިއެވެ.
އަދި މިއީ އުތުރު ކޮރެއާގެ ލީޑަރަށް ލިބުނު ކާމިޔާބީއެއް ކަމަށާއި ޕުޓިން ފަދަ ދުނިޔޭގެ ލީޑަރަކާއެކު ފެނުމަކީ ވެސް އޭނާގެ ބައްޕަ އާއި ކާފަ އަށް ލިބިވަޑައިގެންނެވި 'ކަލްޓް' ދަރަޖައަށް އޭނާ މަތިކުރުމަށް އެތެރޭގެ ޕްރޮޕެގެންޑާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އިޤްތިޞާދީ ފައިދާއާއި ލިބޭނެ އިތުރު މަންފާތައް ވެސް އެބަހުރި،" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
ކޮރެއާ ޕެނިންސިއުލާގައި ނުތަނަވަސްކަން އުފެދިފައި މިވަނީ ކިމް ހަތިޔާރު ޓެސްޓުކުރުމުގެ ދުވެލި އިތުރުކޮށް، އެމެރިކާ، ދެކުނު ކޮރެއާ އަދި ޖަޕާން ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ވަރުގަދަކޮށް، އެކަން އުތުރު ކޮރެއާއިން ހަމަލާ ދިނުމުގެ ރިހާސަލްއެއްގެ ގޮތުގައި ދެކޭތީއެވެ. މިދިޔަ އަހަރު ކިމް ވަނީ ދެކުނާއެކު އެއްބައިވަންތަވުމުގެ އަމާޒު އެއްފަރާތް ކޮށް، ފުރިހަމަ ހަނގުރާމައަކަށް ތައްޔާރުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ވާދަވެރި ދެކޮރެއާ ވަނީ ނަފްސާނީ ހަނގުރާމަތައް ވަރުގަދަކޮށް، ކުނި އަޅާފައިވާ ފުއްޕާހަންތައް ފޮނުވައި، ބޯޑަރު ކައިރީގައި ލައުޑްސްޕީކަރުގައި ޕްރޮޕަގެންޑާ ޖަހާފައެވެ.
ސުލްހައިގެ މުއާހަދާއެއްގެ ބަދަލުގައި 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު ދެގައުމު އަދިވެސް އޮތީ ހަނގުރާމައިގައެވެ.
ބުދަ ދުވަހު އުތުރު ކޮރެއާއިން ފުރާވަޑައިގަތުމަށްފަހު ޕުޓިން ވިއެޓްނާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، މިދިޔަ އަހަރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި ދަތުރުފުޅުގައި އެގައުމު އެމެރިކާއާ ގުޅުން ބަދަހިކުރިއެވެ.
މި ދަތުރުފުޅާ ގުޅިގެން އެމެރިކާއިން ވިއެޓްނާމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު އެންބީސީ ނިއުސްއަށް ވިދާޅުވީ، އެއްވެސް ޤައުމަކުން ޕުޓިންއަށް އޭނާގެ ހަރުކަށި ފިކުރު ކުރިއެރުވުމަށް ޕްލެޓްފޯމެއް ދީގެން ނުވާނެ ކަމަށެވެ.