. / އޭޕީ
ދުނިޔެ
ހިޒްބުﷲ އިން އިސްރާއީލަށް 200 ރޮކެޓު ހަމަލާދީފި
Azzama
އައްޒާމާ
04 ޖުލައި 2024

ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ބުނީ އިސްރާއީލުން އެޖަމާއަތުގެ އިސް ކޮމާންޑަރުންގެ ތެރެއިން އެކަކު މަރުވި ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ ބައެއް އަސްކަރީ މަރުކަޒުތަކަށް 200 އަށް ވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހަނގުރާމަވެރި ޖަމާއަތުން ބުރާސްފަތި ދުވަހު ދިން ހަމަލާއަކީ ލުބުނާނާއި އިސްރާއީލް ބޯޑަރުގައި މަސްތަކެއް ވަންދެން ހިނގި ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހަމަލާއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި އުފެދިފައިވާ ނުރައްކާ ވަނީ އިތުރުވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން އެގައުމުގެ ސަރަހައްދަށް "ގިނަ އަދަދެއްގެ ޕްރޮޖެކްޓައިލްތައް" ވަދެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓައިލްތަކެއް ހުއްޓުވާފައިވާ ކަމަށެވެ.

ހިފާފައިވާ ސީރިއާގެ ގޯލާންއާ 5ދިމާއަށް ގާތްގަނޑަކަށް 160 "ޕްރޮޖެކްޓައިލް" އާއި އިސްރާއީލުގެ ސަރަހައްދަށް 15 އަށް ވުރެ ގިނަ ޑްރޯން ފޮނުވާލި ނަމަވެސް އޭގެ ތެރެއިން ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށް ބުނެފައިވެ އެވެ.

ހިޒްބުاللهގެ ހަމަލާއަށްފަހު އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގެ އެކި ރަށްރަށަށް ހަމަލާދީފައެވެ. ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޑަރު ރަށެއް ކަމަށްވާ ހުލާއަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި މަދުވެގެން އެކަކު މަރުވެފައިވެ އެވެ. މީގެ އިތުރުން އިސްރާއީލުގެ ޖެޓްތަކުން ވަނީ ލުބުނާނުގެ ވެރިރަށް އަދި އެގައުމުގެ އެހެން ސަރަހައްދުތަކުގެ މަތިން އުދުހިފައެވެ.

މީގެ އެއް ދުވަސް ކުރިން އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނުގައި ހިޒްބުاللهގެ ތިން ސަރަހައްދީ ޑިވިޝަންގެ ތެރެއިން އެއް ޑިވިޝަންގެ އިސްވެރިޔާ މުހައްމަދު ނަމީހު ނާސިރު މަރާލި ކަމަށް ބުދަ ދުވަހު އެއްބަސްވެފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved