ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ލަންކާގައި ރާއްޖޭގެ ދެ ބޯޓެއް ތާށިވެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ބޭނުންވާ އެކި ކަހަލަ މުދާ ހިފައިގެން ލަންކާ ބަނދަރުން ފުރައިގެން އަންނަނިކޮށް މޯލްޑިވްސް ޝިޕިން ސްޓޭޓުގެ ވައިސީ ބެރިއަރ ވަނީ އަނބުރާ ލަންކާ ބަނދަރަށް ވައްދާ ބޯޓު ހޯލްޑްކުރުވާފައެވެ. މީގެ އިތުރުން އެމްއެސްއެސްގެ ގަލެނާއަށް ކޮލަމްބޯއިން ހިދުމަތް ދިނުމަށް ވެސް ވަނީ ދެކޮޅު ހަދާފައެވެ. އެ ބޯޓަށް ލަންކާއަށް ވަނުންވެސް މަނާކޮށް އެ ބޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
މިކަމާ ގުޅިގެން އެމްއެސްއެސްގެ ބަހެއް ހޯދާލަން ގުޅާލުމުން އެ ކުންފުނީގެ ޑީއެމްޑީ ކެޕްޓަން އަހުމަދު ޒުބައިރު ވިދާޅުވީ މިހާރު ވައިސީ ބެރިއަރ ރާއްޖެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ގަލެނާގެ އަޕްޑޭޓެއް ބަލާލުމަށްފަހު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
މިކަމާ ގުޅިގެން މައުލޫމާތު އިތުރަށް ލިބުނު ގޮތުގައި މިއަދުގެ ވަގުތެއްގައި އެމްއެސްއެސްއިން ލަންކާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން ހެނދުނުގެ ވަގުތެއްގައި ވައިސީ ބެރިއަރ ވަނީ ރިލީސްކޮށްފައެވެ. ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމްޕީއެލްގެ މުވައްޒަފަކު ވަނީ މިއަދު ހެނދުނާ ހަމައަށް ވެސް ބޯޓު އޮތީ ހިފަހައްޓާފައިކަން ކަށަވަރުކޮށްދީފައެވެ.