ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކައިން އެންގިގެންދަނީ މި ސަރުކާރުން އެހެން ސިޔާސީ ޕާޓީތަކަށް ތަފާތުކުރާނެ މިންވަރު ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފް ވިދާޅުވެއްޖެ އެވެ.
ނާސިފް މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނާސިފް ވިދާޅުވީ ޑރ މުއިއްޒުގެ ވާހަކަތަކުން އެނގިގެން ދަނީ މި ސަރުކާރުން އެހެން ޕާޓީތަކަށް ތަފާތު ކުރާނެ މިންވަރު ކަމަށާ އަދި އެހެން ޕާޓީތަކަށް ފުރުސަތު ދޭން ބޭނުންނުވާ ކަމުގެ އިތުރުން އެހެން ޕާޓިއެއްގެ ބޭފުޅަކު މާލޭ ސިޓީ ކައުންސިލްގެ މޭޔަރަކަށް އިންތިހާބު ވެއްޖެނަމަ އެއްބާރުލުން ނުދޭނެކަން ކަން ކަމެށެވެ.
މީގެ އިތުރުން ނާސިފް ވިދާޅުވީ ޑރ މުއިއްޒު މޭޔަރު ކަމަށް ކެމްޕޭނު ކުރެއްވި އިރު ދެއްކި ވާހަކައާ މިހާރު ދައްކާ ވާހަކައާއި ދިމާ ނުވާ ކަމެވެ.
އެގޮތުން ޑރ މުއިއްޒު މޭޔަރު ކަމަށް ކެމްޕޭން ކުރެއްވިއިރު ކަންކަން ކުރެވޭނީ ސަރުކާރަށް ތައުރީފުކޮށް އަތްޖަހާނެ ކެންޑިޑޭޓެއްގެ ބަދަލުގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ އިދިކޮޅު ކެންޑިޑޭޓަކު އިންތިހާބުކޮށްގެން ކަމަށް ވިދާޅުވި އިރު ދައްކާ ވާހަކަ ދިމާ ނުވާ ކަމަށެވެ.
މީގެ އިތުރުން ނާސިފް ވަނީ ރައީސް މުއިއްޒުއަށް ސުވާލުތަކެއްވެސް އަމާޒު ކުރައްވާފައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގައި ކުރާ ނޭދެވޭ ކަންތައްތައް ފޮރުވަން އިންތިހާބުވާން އުޅޭ ކެންޑިޑޭޓަށް ކެމްޕެއިން ކުރަނީތޯ ނާސިފް ވަނީ ރައީސް މުއިއްޒާ ސުވާލު އަމާޒު ކުރައްވާފަ އެވެ. ނޫނީ އެދުވަހު މާލެ ސިޓީ މޭޔަރުގެ މަގާމަށް ކެމްޕޭން ކުރި އިރު ދެއްކި ވާހަކަ ގަބޫލު ކުރަން ވީ ތޯ ވަނީ ސުވަލު ކުރައްވާފައެވެ.