ކުޑަ ދޫ ބުރިކޮށްލި ކަމުގައި ވީނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފް ނުލިބޭ ވާހަކަ ކެރި ހުރެގެން ގޮވާނެ ކަމަށް ރ އަތޮޅުގެ ކައުންސިލްގެ ރައީސް ހުސެއިން ނާސިފް ވިދާޅުވެއްޖެއެވެ.
ނާސިފް މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ނާސިފް ވިދާޅުވީ ރައީސް ޔާމީން އަކީ ދިވެހި ޤައުމަށް އިންގިލާބީ ކުރިއެރުމާއި ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ކުޅަދާނަ މާލިމީއެއް ކަމަށެވެ. ރައީސް ޔާމިން އަކީ ތަރައްޤީގެ ދުވެލި އައު ހަރުފަތްތަކަކަށް ގެންގޮސްދެއްވި ކުޅަދާނަ މޭސްތިރިއެއް ކަމަށާއި ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖަހައިދެއްވި ކުޅަދާނަ އިކޮނޮމިސްޓެއް ކަމަށްވެސް ނާސިފް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
އިތުރަށް ނާސިފް ވިދާޅުވީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހި ރައްޔިތުން ކަމަށާއި އެހެން ޤައުމުތަކަށް އެކަންކަމާއި ބަސް ނުބުނެވޭނެކަން ކަަށަވަރުކޮށްދެއްވި ކައްޕިތާނަކީ ރައީސް ޔާމީން ކަމަށެވެ.
ނާސިފްގެ ޕޯސްޓްގައި އިތުރަށް އޭނާ ފާހަގަކޮށްފައިވަނީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤު ތަކުން ރައީސް ޔާމީން މަޙްރޫމް ކޮށްފައިވާ ވާހަކައެވެ.
އެގޮތުން ޝަރުއީ މަރުހަލާއިން ކަށަވަރުކޮށްދޭ އިންސާފުން އެއްކިބާކޮށް ވާނުވާ ބަންދުގައި ރައީސް ޔާމީން ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ނާސިފް ވަނީ ފާހަގަކުރައްވާފައެވެ.
އޭގެއިތުރުން ނާސިފް ވިދާޅުވީ ކުޑަ ދޫ ބުރި ކުރިޔަސް ރައީސް ޔާމީން އަށް އިންސާފް ނުލިބޭ ވާހަކަ ކެރި ހުރެގެން ދައްކާނެކަމަށެވެ. އަމިއްލަ އެދުން އިސްކޮށް މަގާމުގެ ދަހިވެތިކަމުގައި ހައްޤުބަސް ބުނުމަކަށް ފަސްޖެހޭނެ މީހުންގެ ތެރޭގައި އޭނާ ނުވާނެކަމަށްވެސް އޭނާ ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.
ނާސިފް ވަނީ ރައީސް ޔާމީންއަށް އަދުލު އިންސާފް ޤާއިމްކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާފައެވެ.