

ދިގު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހައުސިންގ މިނިސްޓްރީގެ ޓީމުތަކެއް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހައިދަރު މިފަދައިން ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ހައިދަރު ވިދާޅުވީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ޤުދުރަތީ ވަސީލަތްތައް ލިބެން ހުރި މިންވަރާއި، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތާއި، ދެމެހެއްޓެނިވި ގޮތެއްގައި އެ ވަސީލަތްތައް ރައްކާތެރިކުރާނެ ގޮތްތައް ފަދަ މުހިންމު ކަންކަމަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ތަރައްގީގެ ތަސައްވަރު ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ކަނޑައެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށް ދައުވާކުރާއިރު، ރައީސް ޑރ. މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް ސަރުކާރަށް 11 މަސް ފުރެން ކައިރިވެފައިވާއިރު ވެސް ކޮށްފައި ނުވެއެވެ.
އެއާއެކު ކުރީ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މުހިންމު އެތައް މަސައްކަތެއް މި ސަރުކާރުން ވަނީ ހުއްޓާލާފައިކަން ފާހަގަ ކުރެވެއެވެ.