ބޯހިޔާވަހިކަމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލުން ފަސްކޮށްފިއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި މި ސަރުކާރުން ތައާރަފްކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް މިއަދު ހުޅުވާލަން އޮތް ނަމަވެސް މިހާރު ވަނި އަންނަ އާދިއްތަ ދުވަހު ހުޅުވާލާ ގޮތަށް ނިންމާފައެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމާފައިވަނީ ސަބަބުތަކަށްޓަކައެވެ. އެގޮތުން:
ގިނަ ބަޔަކު ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާނެ ކަމަށް ބެލެވޭތީ
ހަފްތާ ބަންދާ ދިމާކޮށް އެ ފުރުސަތު ހުޅުވާލުމުން ރައްޔިތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިވެދާނެތީ،
މިހާރު ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ގޯއްޗާއި ފްލެޓަށް އެދޭ "ހިޔާވަހި ޕޯޓަލް" އާންމުކޮށް ހުޅުވާލުމަށެވެ.
މި އުސޫލުގެ ދަށުން، މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ:
މާލޭ ރަށްވެހިންނަށް 10،000 ގޯތި
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި
މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯތި
މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލު ކުރާ މީހުންނަށް 1،500 ގޯތި
ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޖުމްލަ 7،500 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
މާލޭ ރަށްވެހިން - 4،000 ފްލެޓު
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުން - 1،500 ފްލެޓު
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން - 100 ފްލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް - 100 ފްލެޓު
އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް - 250 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން - 50 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން - 200 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން - 100 ފްލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން - 100 ފްލެޓު
މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުުކުރުމުން މަހުރޫމުވެފައިވާ މީހުން - 50 ފްލެޓު
ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން - 300 ފްލެޓު
ދިރިއުޅޭނެ ބޯހިޔާވަހިމަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް - 50 ފްލެޓު
ފުލުހުން - 100 ފްލެޓު
ސިފައިން - 100 ފްލެޓު
ސިވިލް ސާވިސް - 200 ފްލެޓު
އެކި އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ 300 ފްލެޓު؛ މީގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މީރާ، އެލްޖީއޭ، ޖޭއެސްސީ، ފޮރިން ސާވިސް، އޭޖީ އޮފީސް، އީސީ، ސީއެސްސީ، އެޗްއާރުސީއެމް، އޭސީސީ، ޕީޖީ އޮފީސް، އޮޑިޓް އޮފީސް، އެމްއެމްއޭ، ޕެންޝަން އޮފީސް، އެންއައިސީ، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން، އެފްޕީއޭ، އާބިޓްރޭޝަން ސެންޓަރު، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް، ސީއެމްޑީއޭ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނެއެވެ.