February 25, 2026
Advertisement
Hulhumale Phase Two
Hulhumale Phase Two / ސޯޝަލް މީޑިއާ

ބޯހިޔަވަހިކަމުގެ ސްކީމަށް 5،000 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 23, 2026, 05:33 PM
މާލެ ސިޓީ

އަލަށް ހުޅުވައިލި ބޯހިޔަވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި މިހާތަނަށް 5،067 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

Advertisement

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، ޖަނަވަރީ 18 ވަނަ ދުވަހުން ފެށިގެން ހުޅުވައިލި މި ފުރުސަތުގައި މިހާތަނަށް ފުލެޓަށް އެދި 3،434 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ގޯއްޗަށް އެދި 1،633 މީހުން ވަނީ ކުރިމަތިލާފައެވެ.

މި ސްކީމުގެ ދަށުން ޖުމުލަ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގޯތި ދޫކުރުމަށް ނިންމާފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ޚާއްޞަ ކެޓަގަރީއެވެ. މާލޭ ރަށްވެހިންނަށް ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިން ގޯތި ދޫކުރާއިރު، އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ.

މި ސްކީމަށް އެޕްލައި ކުރަންޖެހެނީ އީފާސް ލޮގިން މެދުވެރިކޮށް، އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލްއިންނެވެ. ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އަދި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 18 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވައިލެވިފައެވެ.

މީގެ އިތުރުން، މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، ކުރީ ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުލެޓުތަކުގެ ލިސްޓު މުރާޖަޢާކުރުމަށް ގިނަ ދުވަސްތަކެއް ނެގުމަށްފަހު، އެ ފުލެޓުތަކުގެ ހައްގުވެރިންނަށް ތަޅުދަނޑި ހަވާލުކުރުންވެސް ވަނީ އެތައް ދުވަހެއް ލަސްކޮށްލާފައެވެ. އެހެންކަމުން މި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ލިބޭނީ ކޮން ދުވަހަކުތޯ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved