
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ފްލެޓުވީއިރުވެސް ރައްޔިތުންނަށް ދޭން ޖެހޭ ފްލެޓުތައް ނުދެވޭކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި މަޖާޒީ ގޮތަކަށް ޕޯސްޓެއްގައި މަލީހު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ކުރި ސަރުކާރުން ދީފައި ހުރި ފްލެޓުތައް އަތުލާފައި ކަމަށާ ނަމަވެސް މި ސަރުކާރުގެ ފްލެޓުވެ ހަނާ ހުނި ވަމުންދާއިރު އެންމެ ފްލެޓެއްވެސް ބިމުން މައްޗަށް މި ސަރުކާރުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ނާރާ ކަމަށެވެ.
މީގެ އިތުރުން މުއިއްޒުގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ފްލެޓުވީއިރުވެސް ރައްޔިތުންނަށް ދޭން ޖެހޭ ފްލެޓުތައް ނުދެވޭ ކަން ވެސް މަލީހު ފާހަގަކުރައްވާފައިވެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި، ރައްޔިތުންނަށް ލިބިފައިހުރި ބިމާ ފްލެޓާ ހުރި ތަނަކުން ހުރި ގޮތަކަށް ރައްޔިތުންނަށް ދޭނެ ކަމަށާ އަތުނުލާނެ ކަމަށް ވައުދުވި ނަމަވެސް ސަރުކާރު އައިސްވަނީ އަލުން ޕޮއިންޓުދީ ބިމާ ގޯތިވެސް އަތުލާފައި ކަމަށް ބައެއް ރައްޔިތުން ބުނަމުން ދެއެވެ










