އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސަމްބަލް ޑިސްޓްރިކްޓްގައި ހުރި މިސްކިތެއް ބިނާކޮށްފައި ހުރީ ކުރިން ހިންދޫންގެ ފައްޅިއެއް ހުރި ބިމެއްގައިތޯ ބެލުމަށް ސާވޭކުރަން އުޅުމުން މުސްލިމުންނާއި އިންޑިއާގެ ފުލުހުންނާއި ދެމެދު ހަމަނުޖެހުން ހިނގައި ތިން މީހުން މަރުވެއްޖެއެވެ.
މީޑިއާތަކުން ބުނީ މި ހަމަނުޖެހުން ހިނގީ ސަބާލްގައި ހުރި 16 ވަނަ ގަރުނުގެ މިސްކިތެއް ކަމަށްވާ ޝާހީ ޖަމާ މިސްކިތަކީ ކުރިން ހުރި ފައްޅިއެއް ތަޅާލައި ބިނާކޮށްފައިވާ މިސްކިތެއް ކަމަށް ބުނެ ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ފެށި ސާވޭއާ ދެކޮޅަށް މުސްލިމުންގެ ބަޔަކު އިއްޔެ ނުކުމެ ހަޅުތާލު ކުރުމާ ގުޅިގެން ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ގަލުން ހަމަލާ ދީފައި ވާއިރު ފުލުހުން ވަނީ އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ބަޑި ޖަހާފަ އެވެ. ބަދަލުކުރެވުނު ހަމަލާތަކުގައި ތިން މުސްލިމުން މަރުވެ ގިނަ ފުލުހުންނަށް ވަނީ ބޮޑެތި އަނިޔާވެފަ އެވެ
ހިންދޫ އެކްޓިވިސްޓް ގްރޫޕްތަކުން ބުނަމުންދަނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، މުސްލިމް މޫގާލް ރަސްކަމުގެ ދުވަސްވަރު ހިންދޫންގެ ފައްޅިތައް ނައްތާލައި އެ ތަންތަނުގައި މިސްކިތްތައް ބިނާކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އުތުރުގެ ސިޓީއެއް ކަމަށްވާ އަޔޯދިޔާގައި، އެ ތަނުގައި ހުރި މިސްކިތް ތަޅާލުމަށް ފަހު ހެދި ހިންދޫންގެ ބޮޑު ފައްޅި ހުޅުވައިދީފައިވާތީ ހިންދޫ ވަތަނީ މީހުނަށް ވަނީ މިސްކިތްތަކާ ދެކޮޅަށް ތެދުވުމުގައި ހިތްވަރު ލިބިފަ އެވެ.
މޯދީގެ ވެރިކަމަކީ އިންޑިއާގެ މުސްލިމް އާބާދީއަށް މިއަދު ކުރިމަތިވެފައިވާ މުސީބާތެކެވެ. އިންޑިއާގައި ހުރި ބައެއް މިސްކިތްތަކަކީ ހިންދޫންގެ ފައްޅިތަކެއް ނައްތާލައި ބިނާކޮށްފައިވާ މިސްކިތްތަކެއް ކަމަށް ހިންދޫން އަބަދު ވެސް ދައުވާކުރެ އެވެ.
އަދި މިފަދަ ދައުވާތަކާ ހެދި ހިންދޫންނާއި މުސް،ލިމުންނާ ދެމެދު އަބަދު ވެސް ކުރިމަތިލުންތައް ހިނގަ އެވެ. އަދި މިފަދަ ކުރިމަތިލުންތަކުގައި މުސްލިމުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުމަށް މޯދީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއެވެ.