އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރަން ގާނޫނެއް ފާސްކޮށްފި / ގޫގުލް
ދުނިޔެ
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާ ކުރަން ގާނޫނެއް ފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޑިސެމްބަރު 2024
މާލެ ސިޓީ

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ހަރުކަށި ގާނޫނެއް ފާސްކޮށްފި އެވެ.

ދިގު މަޝްވަރާތަކަކަށް ފަހު އޮސްޓްރޭލިޔާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ބިލާ މެދު އެ ޤައުމުގެ ޢާންމުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެއް ބަޔަކު އެ ނިންމުމަށް މަރުޙަބާ ކިޔަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ އެ ޤާނޫނާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އިންސްޓަގްރާމާއި ފޭސްބުކާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް، މި ގާނޫނުގައި ބުނާ އުމުރަށް ވުރެ ކުޑަ ކުދިންނަށް ލޮގިން ވެވޭ ގޮތަށް ދޫކޮށްލާފައި ހުންނަ ނަމަ 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (32 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށް ބިލްގައި ކަނޑައަޅާފައިވެ އެވެ. މި ބިލް ގާނޫނަކަށް ވުމާ އެކު އަންނަ ޖެނުއަރީ މަހުން ފެށި ގާނޫނު ތަންފީޒުކުރަން ފަށާނީ އަޖުމަ ބެލުމުގެ މަރުހަލާއަކުންނެވެ. ގާނޫނަށް އެއްކޮށް އަމަލުކުރަން ފަށާނީ އަހަރު ދުވަހުންނެވެ.

"ސޯޝަލް މީޑިއާ މިނިމަމް އޭޖް ބިލް" އޮސްޓްރޭލިއާގައި ހެދީ ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި ހާލަތު ގޯސްވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކުގަ އެވެ.

މަޝްހޫރު ސޯޝަލް މީޑިޔާ ވަސީލަތެއް ކަމުގައިވާ ޓިކްޓޮކުން ވަނީ އޮސްޓްރޭލިޔާގެ ޤާނޫނަށް ފާޑުކިޔާފަ އެވެ. އެ ކުންފުނީގެ ތަރުޖަމާނު ބުނީ، އަވަސް އަރުވައިލައިގެން މި ފަދަ ޤާނޫނެއް ފާސްކުރުމުން ކުޑަކުދިން އިތުރު ނުރައްކާތަކަށް ހުށަހެޅިގެން ގޮސްފައިވާ ކަމުގައެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް މިލްކުވެރިފަރާތް މެޓާ ޕްލެޓްފޯމްސްއިން ވެސް ބުނެފައިވަނީ މި ގާނޫނު "އަވަސްއަރުވާލައިގެން" ފާސްކޮށްފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮސްޓްރޭލިއާގެ ސެނެޓުގައި ނެގި ވޯޓުގައި ގާނޫނު ފާސް ކުރަން 34 ވޯޓު ލިބުނު އިރު، ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދީފައިވެ އެވެ. މި ބިލު ފާސްވުމަށްފަހު، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަށް ފޮނުވުމުން ހުކުރު ދުވަހުގެ ހެނދުނު އެތަނުން ވެސް ބިލު ވަނީ ފާސްވެފަ އެވެ.

މި ބިލާ މެދު އޮސްޓްރޭލިއާގެ އާންމުންގެ މެދުގައި ވެސް ހިޔާލް ތަފާތުވެ ބައިބައި ވެފައި ވާއިރު އެންމެ ބޮޑު ސުވާލެއް އޮތީ ގާނޫނު ތަންފީޒުކުރާނެ ގޮތަކާ މެދުގަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ހަނިކުރުންތައް ތަންފީޒުކުރުން ކަށަވަރުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާނެއެވެ. އަދި އަންނަ މަސްތަކުގައި އެކި އޮޕްޝަންތައް ޓެސްޓްކުރެވޭނެއެވެ. މި ޕްރޮސެސްތައް އެޕްލިކޭޝަންތަކުގައި ހިމެނުމުގެ ޒިންމާ އުފުލަން ޖެހޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved