
އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ ލަކެމްބާ މިސްކިތުގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކުރަމުން ދިޔަ ވަގުތު، އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒްއާ ދެކޮޅަށް އާންމުން އަޑުއުފުލައި "ބޫ"ޖަހައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އީދު ނަމާދުގެ ޖަމާއަތް ކުރިއަށް ދިޔަ ވަގުތު ބޮޑުވަޒީރު އެ ސަރަހައްދަށް ވަޑައިގަތުމުންނެވެ. އެތަނަށް އެއްވެ ތިބި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބޮޑުވަޒީރަށް ނުރުހުން ފާޅުކޮށް، އޭނާއަކީ "ނަސްލު ނައްތާލުމަށް ތާއީދުކުރާ" ބޭފުޅެއްގެ ގޮތުގައި ސިފަކޮށް އަޑުގަދަކޮށްފައެވެ.
މި ނުރުހުން ބޮޑުވަޒީރަށް އަމާޒުވެފައިވަނީ، އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާ ދެކޮޅަށް އޮސްޓްރޭލިއާ ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެއެވެ. ވަކިން ހާއްސަކޮށް، ގާޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ބައިނަލްއަގުވާމީ މައިދާނުގައި އޮސްޓްރޭލިއާއިން ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ނުކުރާތީ، އެގައުމުގެ މުސްލިމް މުޖުތަމައުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮޑުވަޒީރު އެ ސަރަހައްދުގައި ހުންނެވި އިރު، ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ފަލަސްތީނުގެ ދިފާއުގައި އަދި އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ޝިއާރުތައް އުފުލަމުންނެވެ.








