ރައްޔިތުންގެ ފަޅިއަކީ ގާނޫނާ އެއް ގޮތަށް ތިބުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ތެރެއިން ޓީވީ ސްޓޭޝަނެއް ހިންގުމަށް މަނީ ލޯންޑަރކޮށް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީން ވަނީ އެމްއެމްޓީވީ ހުޅުވުމުގެ ނަމުގައި ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުއާ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމު ޚަލީލު އާ ދެބޭފުޅުން ގުޅިގެން ހިންގެވީ ޖަރީމާއެއް ކަމަށާ އެ ޖަރީމާއަކީ ސީދާ ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގި ޖަރީމާ އެއް ކަމަށް ފަހުމުވާއިރު ވެރިން އެންގެވި ނަމަވެސް ކުރަން ނުވާނެކަންކަން ހުންނާނެ ކަމަށާ އެހެން ނޫނީ މަޅިއަކަށް ފެތޭނީ އަމިއްލަ ނަފްސުކަން ދަންނަން ވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްއެމްއަކީ ހަމަ ގައިމުވެސް މިލިމީޓަރެއް ނޫން. މުހައްމަދު މުއިއްޒޭ ބުނިއްޔާ ތަންކޮޅެއް ފަސޭހަވާނެ. ފެންވަރު ނުހުންނަކަން މި ދޭހަ ވަނީ. މިހާރު ޚަލީލު ބޮލަށް މުޅި ކަންތައް ޖަހާފައި. ޚަލީލަށް އެނގެންވާނެ ދައުރުބަދަލުވެގެން ދިޔައީމަ ޚަލީލު މައްޗަށް މަނީ ލޯންޑަރިން ދައުވާ ކުރާނެ. ޚަލީލުގެ ވިސްނުމެއް ހުރިއްޔާ މަގާމުގައި ހުރެގެން ފައިސާކޮޅެއް ލިބިދާނެ. ނަމަވެސް އެ ފައިސާކޮޅަށް ވުރެ 15 އަހަރު ޖަލުގައި އޮންނަން ޖެހުން މާ ހިތަދަތިވާނެ. އެހެންވީމަ ވެރިޔަކަށް ހުންނަ ސާހިބުމީހާ ބުންޏަކަސް ކުރަން ނުކުރާނެ ކަންތައް ހުންނަންވާނެ. އެހެންވީމަ އެމްއެންޑީއެފްގެ ޗީފަށްވެސް ޕޮލިސް ކޮމިޝަނަރަށްވެސް އަޅުގަޑު ދޭ ނަސޭހަތަކީ މިއީ. ގާނޫނާ އެއްކޮޅުގައި ތިބޭށޭ. އެއިއްޔޭ ރައްޔިތުންގެ ފަޅިއަކީ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނާ ޚިލާފަށް ރައްޔިތުންގެ ފައިސާ ކޮރަޕްޝަންގެ އަމަލުތަކުން ސައިފަންއޮފް ކުރާ މީހަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ފަޅީގައި ހުރި މީހެއް ނޫން ކަމަށާ އެއީ ރައްޔިތުން ހަލާކުކުރާ ރައްޔިތުން ނަފުރަތުކުރާ ފަޅީގައި ތިބި ބައެއްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަން ނޫންކަމެއް ނެތްކަން ޕީއެންސީގެ ބޮޓުންވެސް ގަބޫލުކުރާ ކަމަށެވެ.