
ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން މިރޭވެސް ފޮރިގަދަ ޖަލްސާއެއް ބާއްވާ ކަމަށް ހާމަކޮށްފިއެވެ.
ޖަލްސާ މިރޭ 8:45 ގައި އެ ޕާޓީގެ އޮފީސް، "ފްރޮންޓް އޮފީސް"ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މުހިންމު ކަންތައްތަކަކަށް މަޝްވަރާކުރާނެ ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.
ޕީއެންއެފް އިން ވަނީ މި ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު ޤައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް އަރުވާފައެވެ. ވަކިން ޚާއްޞަކޮށް ރައީސް ޔާމީންގެ ސަޕޯޓަރުންނާއި، ޤައުމީ ފިކުރުގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ.
ފްރޮންޓް އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ މި ޖަލްސާތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރައީސް ޔާމީންގެ ބައިވެރިވެވަޑައިގަތުމާއެކު ބާއްވާ މިފަދަ ޖަލްސާތަކުގައި ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވެއެވެ.
މި ފަހަކަށް އައިސް ބާއްވާ ކޮންމެ ޖަލްސާއަކަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޙާޟިރުވަމުންދާއިރު، މި ޖަލްސާއަކީވެސް ފޯރިގަދަ ޖަލްސާއަކަށް ވާނެ ކަމަށް އެ ޕާޓީއިން ހާމަކުރެއެވެ.










