މަގާމުން ދުރުކޮށްފައިވާ ރައީސް ޔޫން ސުކް ޔެއޯލްގެ ގެކޮޅަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން އިންވެސްޓިގޭޓަރުން ވަޑައިގެންފައި: ހަމަނުޖެހުންތަކުގެ ސަބަބުން ޔޫން ހައްޔަރުކުރުން ވަނީ މެދުކަނޑާލާފައި -- / ގެޓީ އިމޭޖަސް
ދުނިޔެ
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމުގެ މަސައްކަތް ފެއިލް ވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

މަގާމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ގެ ކޮމްޕައުންޑްގެ ތެރޭގައި އޭނާ ހައްޔަރު ކުރަން އޭނާގެ ސެކިއުރިޓީ ޓީމާއެކުކުރި މަސައްކަތް ދެކުނު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން ހުއްޓާލައިފި އެވެ.

އެންޓި ކޮރަޕްޝަން އިންވެސްޓިގޭޓިވް ޔުނިޓާ އެކު ދެކުނު ކޮރެއާގެ އިންވެސްޓިގޭޓަރުންގެ ގްރޫޕަކުން ރިޔާސީ ގެކޮޅަށް ވަދެ ޔޫން ހައްޔަރުކުރަން މަސައްކަތްކުރަން ފެށީ އިއްޔެ ހެނދުނެވެ. ނަމަވެސް، އެ މަސައްކަތް ކުރުމަށް ޔޫންގެ ސެކިއުރިޓީން ޓީމުން ހުރަސް އަޅާފައިވާ ކަމަށާއި ސިފައިންނާ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ޔޮންހަޕް ނޫސް އެޖެންސީން ބުނެފައިވެ އެވެ.

މިއަދު ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ދަންނަވަން އޮތީ، އެކަމަށް ސިކިއުރިޓީއިން ހުރަސް އެޅުމުގެ ސަބަބުން އެކަން ތަންފީޒުކުރުމަކީ ކުރެވޭނެ ކަމެއް ނޫން. ސައިޓްގައި ތިބި މުވައްޒަފުންގެ ސަލާމަތާ މެދު ކަންބޮޑުވުމުގެ ސަބަބުން އެ އަމުރު ތަންފީޒުކުރުން ހުއްޓުވަން ނިންމީ،

- ސީއައިއޯގެ ބަޔާނުގައިވެ އެވެ.

ޔޫން ހައްޔަރު ކުރުމުގެ މަސައްކަތްކުރަމުން ދިޔައިރު، އެ މަނިކުފާނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ރިޔާސީ ގެކޮޅު ކައިރިއަށް އެއްވެފަ އެވެ. ޔޫން ހައްޔަރު ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. ސަބަބަކީ ޕްރެސިޑެންޝަލް ސިކިއުރިޓީ ސާރވިސް (ޕީއެސްއެސް)ގެ ވެރިޔާ ޕާކް ޖޮންގް ޖޫން އެ ކަމަށް ދެކޮޅު ހެދުމެވެ.

މިއީ ދެކުނު ކޮރެއާގައި ރައީސަކު މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކުރަން އުޅުނު ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކިވީ ކަމަކަށް ނުބަލާނެ އެވެ. އެގޮތަށް ފާސްކުރުމާ އެކު ރައީސް ސަސްޕެންޑްވާނެ އެވެ. އަދި މަގާމުން ވަކިކުރުމާ މެދު ފަހު ބަސް ބުނާނީ ދުސްތޫރީ ކޯޓުންނެވެ. ކޯޓުން ގޮތެއް ނިންމަންދެން ރައީސް ހުންނާނީ ސަސްޕެންޝަނުގަ އެވެ. ދުސްތޫރީ ކޯޓުން މިކަމުގައި 180 ދުވަސް ތެރޭ ގޮތެއް ނިންމަން ޖެހޭނެ އެވެ.

ޔޫން ހައްޔަރުކުރުމަށް އަމުރު ނެރުނީ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ސުވާލު ކުރުމަށެވެ. އޭގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެ އެވެ.

ޔޫންގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނީ، ހައްޔަރުކުރުމުގެ އަމުރަކީ ޣައިރު ގާނޫނީ، ބާތިލު އަމުރެއް ކަމަށާއި އެ އަމުރު ތަންފީޒުކުރުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޔޫންގެ ދިފާއީ ޓީމުން އަންގާރަ ދުވަހު ވަނީ އެ އަމުރު ބާތިލު ކުރުމަށް ދުސްތޫރީ ކޯޓަށް ހުށަހެޅުމުގެ އިތުރުން އެ އަމުރާ ގުޅިގެން ދަށު ކޯޓަކަށް ވަކި އިއުތިރާޒެއް ވެސް ހުށަހަޅާފައެވެ.

ދެކުނު ކޮރެއާގައި އަސްކަރީ ގާނޫން އިއުލާންކުރުމާ ގުޅިގެން އުފެދިފައި ހުރި މައްސަލަތަކުގައި ޕްރޮސެކިޔުޓަރުން މިހާރު ބަލަމުންދަނީ، އަސްކަރީ ގާނޫން އިއުލާންކުރަން ޖެހުނު ސަބަބެވެ. އަދި އެފަދަ ހާލަތެއް ނެތި އަސްކަރީ ގާނޫން އިއުލާންކުރުމަށް ޔޫން އަމުރުކުރެއްވީ ކީއްވެތޯ ވެސް ބަލާނެ އެވެ.

ޔޫންގެ ފަރާތުން ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، އަސްކަރީ ގާނޫން އިއުލާންކުރީ އިދިކޮޅާ ހެދި ގައުމު ހިންގެން ނެތުމެވެ. އަދި އުތުރު ކޮރެއާއަށް ތާއީދުކުރާ ބަޔަކު ސިފައިންގެ ތެރޭގައި ހިމެނޭތީ އެ ބައެއްގެ ބާރުކަނޑުވާލުމަކީ ވެސް ބޭނުމެކެވެ.

ނިމުނު ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ސްޕެޝަލް ފޯސަސް އާއި ހެލިކޮޕްޓަރު ވެސް ފޮނުވި އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ގަދަކަމުން ވަދެގަނެ ޖަލްސާ ބޭއްވުމަށް ފަހު، ކުއްލި ނުރައްކާ އުވާލަން އެންގުމަށް ފާސްކުރުމުން ހަމަ އެ ރޭ އަމުރު ބާތިލްކުރި އެވެ.

ބުރާސްފަތި ދުވަހު ޔޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމަށްޓަކައި މުޅި އުމުރަށް ހަނގުރާމަ ކުރައްވާނެ ކަމަށެވެ. މިއީ މިކަމާ ގުޅިގެން ޔޫން ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved