ސަހްޔޫނީން ހަމާސްއާ ދެމެދު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުން / އަލްޖަޒީރާ
ދުނިޔެ
ސަހްޔޫނީން ގާޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
20 ޖެނުއަރީ 2025
މާލެ ސިޓީ

ސަހްޔޫނީންގެ ދައުލަތާއި ގާޒާގައި ވެރިކަންކުރާ ހަމާސާ ދެމެދު ވެފައިވާ އުދުވާން ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާ ހަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހުން މިނިވަން ކޮށްފި އެވެ.

މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަމާސް އިން 15 މަސް ދުވަސް ވަންދެން ރަހީނުކޮށްފައިވާ 33 މީހަކު މިނިވަންކުރަން ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން، އޭގެތެރެއިން ތިން އަންހެނަކު މިނިވަންކޮށް، ރޭ ސަހްޔޫނީން ވަނީ ހަވާލުކޮށްފަ އެވެ. މިނިވަންކުރި މީހުން، ސަހްޔޫނީންގެ ދެކުނުގައި އޮންނަ ރެއިމް އަސްކަރީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ސަހްޔޫނީންގެ ސަރުކާރުން ބުންޏެވެ.

އުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުހަލާއެއް ވެސް 42 ދުވަހަށް ދެމިގެން ދާނެ އެވެ. ފުރަތަމަ މަރުަހަލާގައި ހަމާސުން ޖުމްލަ 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވެ އެވެ. މި މަރުހަލާގައި ދޫކުރާނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

އޭގެ ބަދަލުގައި 2,000އަށް ވުރެ ގައިދީން ސަހްޔޫނީން މިނިވަން ކުރާނެ އެވެ. އެއްބަސްވުން ތަންފީޒު ކުރާ ފުރަތަމަ ދުވަހު ތިން އަސީރުން މިނިވަން ކުރުމަށް ފަހު ހަތްވަނަ ދުވަހު ހަމާސުން އިތުރު ހަތަރު އަސީރުން ދޫކޮށްލާނެ އެވެ. މިހެން ގޮސް ކޮންމެ ހަތް ދުވަހުން ތިން އަސީރުން ދޫކުރަމުން ދާނެ އެވެ. ދިރިތިބި އަސީރުން ދޫކޮށް ނިމުމުން މަރުވެފައިވާ އަސީރުންގެ ހަށިތައް ރައްދު ކުރަން ފަށާނެ އެވެ.

ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން ގާޒާގެ އެކި ސަރަހައްދުތަކުގައި ހިޔާވެހިކަން ހޯދައިގެން ތިބި ބައެއް މީހުން ދަނީ އެ މީހުން ދިރިއުޅުނު ހިސާބުގެ ހާލަތު ބޭލުމަށް ހިޖުރަ ކުރަމުންނެވެ.

ރެއިން ފެށިގެން ހަމަލާތައް ހުއްޓާލަން އެއްބަސްވެފައި ވާއިރު 15 މަސް ދުވަހުގެ ހަމަލާތަކުގައި 50،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ގާޒާ އޮތީ ބިމާ ހަމަވެފަ އެވެ. ސަހްޔޫނީން ގާޒާގައި ހިންގި ގަތުލްއާންމުގައި ޝަހީދުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 110،750 މީހުންނަށް ޒަހަމްވެގެން ފަރުވާ ދީފައިވެ އެވެ.

ހަމާސްއިން އޮކްޓޯބަރު 7، 2023 ގައި ސަހްޔޫނީނަށް ދިން ހަމަލާގައި 1،139 މަރާލިއިރު، 200 އަށްވުރެ ގިނަ މީހުން އެ ޖަމާއަތުން ވަނީ ރަހީނު ކޮށްގެން ގެންގޮސްފަ އެވެ.

ގާޒާގައި ސަހްޔޫނީން ހިންގަމުންދިޔަ ނަސްލުހޭދަ އަހަރަކަށްފަހު މެދުކަނޑާލުމުން އެކަމަށް ގިނަ ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ. އަދި ގާޒާގެ އިތުރުން ބައެއް ގައުމުތަކުގައި އެކަމާ ގުޅިގެން އަންނަނީ އުފާ ފާޅުކުރުމުގެ ހަރަކާތްތައް ވެސް ހިންގަމުންނެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިމިވަނީ، ސަހްޔޫނީނަށް އެންމެ ބޮޑަށް ވާގިދޭ އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް މިރޭގެ ވަގުތެއްގައި ހުވާކުރައްވަން ތައްޔާރުވެފައިވަނިކޮށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved