ބޯޓާއި ހެލިކޮޕްޓަރު ވެއްޓުނު ކޯރު -- / ބީބީސީ
ދުނިޔެ
އެމެރިކާގައި މަތިންދާބޯޓަކާއި އަސްކަރީ ހެލިކޮޕްޓަރެއް ޖެހި ގިނަ ބަޔަކު މަރުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖެނުއަރީ 2025
މާލެ ސިޓީ

އެމެރިކަން އެއާލައިންސްގެ މަތިންދާބޯޓެއް ރީގަން ވޮޝިންޓަން ނޭޝަނަލް އެއާޕޯޓެއްގައި ޖައްސަން އުޅެނިކޮށް އަސްކަރީ ހެލްކަޕްޓަރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެ ވޮޝިންޓަންގެ ގަޑިން ހަވީރު ހަތަރުގަޑިބައި، އެހާ ކަންހާއިރުއެވެ. ހާދިސާ ހިނގީ ވޮޝިންޓަންގައި އޮންނަ ރޮނަލްޑް ރޭގަން އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ ޕޮޓޮމަކް ކޯރުގެ މަތީގައި، ވައިގެ ތެރޭގައެވެ.

ބޯޓުގައި ޖެހުނު ހެލިކޮޕްޓަރަކީ ތިން ސިފައިންނާއެކު ދަތުރުކުރަމުންދިޔަ އެމެރިކާގެ އަސްކަރިއްޔާގެ ބްލެކް ހޯކު އެކެވެ.

ވައިގެ ތެރޭގައި ދެ އުޅަނދު ޖެހި، ބޯޓު ވެއްޓުނީ ވޮޝިންޓަނުގައި އޮންނަ ޕޮޓޮމެކް ކޯރަށެވެ. އެ ކޯރުން މީހުންނާއި މަރުވި މީހުންގެ ހަށިގަނޑުތައް ސަލާމަތް ކުރުމަށް ބޯޓުތަކާއި ޑައިވަރުންގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފަ އެވެ.

ކޯރުގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ 18 މީހެއްގެ ހަށިތަކެވެ. އެހެން މީހުން އަދި ފެނިފައެއްނުވެ އެވެ.

މިހާދިސާއާއެކު މުޅި ސަރަހައްދަށް ޖެޓް ފިއުލް ލީކުވުމުން އެ ސަރަހައްދުގައި ވަނީ އަލިފާންގަނޑެއް ފެތުރިފައެވެ. މިރިލެންޑްގެ ގަވަރުނަރު ވިދާޅުވިގޮތުގައި ޕޮޓޮމަކް ކޯރަކީ ވަރަށް ފުން އަދި ވަރަށް ބާރަށް އޮއިދެމޭ ކޯރެކެވެ. އެހެންކަމުން ގެއްލިފައިވާ މީހުން ހޯދުމަށް ފުލުހުންގެ ޑައިވަރުންގެ އިތުރުން އެމެރިކާ ސިފައިންގެ ޑައިވަރުންވެސް މިހާރުވަނީ މީހުން ހޯދުމުގެ އޮޕަރޭޝަން ފަށާފަ އެވެ.

މި ހާދިސާއާ ގުޅިގެން ވޮޝިންގޓަންގެ ރޭގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ ހުރިހާ ފްލައިޓުތަކެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. އަދި މިއެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ހޯދުމަށް ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މިއީ ބިރުވެރި ހިތާމަވެރި ހާދިސާއެއްކަމަށް ސިފަކުރައްވާފަ އެވެ. މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ކަންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved