

ސަރުކާރު ދެ ކުންފުންޏެއްގެ ދެ ވެރިއެއްގެ މައްޗަށް ދަރަނިތަކެއް ސާބިތުވެއްޖެއެވެ.
ދަރަނި ސާބިތުވެފައިވަނީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ މައްޗަށާ ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ މޯލްޑިވްސް އައިލެންޑް ބެވެރެޖްސް (ތާޒާ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖިނާން ޖަލީލްގެ މައްޗަށެވެ.
އެގޮތުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ބީއެމްއެލަށް ނުދައްކާ އޮތް ދަރަންޏެއް، މަހަކު 110 އެމެރިކާ ޑޮލަރަށްވުރެ މަދު ނޫން އަދަދެއްގެ މަގުން ދައްކައި ހަލާސްކުރަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިއީ ރުކުމާ އަހުމަދަށް ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑު ބޭނުންކޮށް، އެ ކާޑަށްވާ ފައިސާ ދައްކައިފައި ނުވާ މައްސަލައިގައި ކޮށްފައިވާ ހުކުމެކެވެ.
މިދިޔަ އަންގާރަ ދުވަހާ ހަމައަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ ފައިސާ ވަނީ، 4542.72 ޑޮލަރަށް އަރައިފައެވެ. އެއީ، 70،185 ރުފިޔާ އެވެ. އެ މައްސަލަ ބީއެމްއެލްއިން 2021 ވަނަ އަހަރު ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި އިރު ކުރި ދައުވާގައި ވަނީ، އެހާތަނަށް އޭނާ އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު އެކީ އެކައްޗަކަށް ހޯދުމަށް އެދިފައެވެ.
ނަމަވެސް ރުކުމާ އޭރު ވަނީ އެ ފައިސާ މަހުން މަހަށް ބަހައިގެން ދެއްކުމަށް ބޭންކާއެކު އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭޕްރިލް މަހުގެ 20ވަނަ ދުވަހު ސިވިލް ކޯޓުން ރުކުމާގެ މައްޗަށް ހުކުމް ކުރީ އެ އަހަރުގެ މާޗް 31ވަނަ ދުވަހުގެ ނިޔަލަށް އެ ކާޑަށް ދައްކަންޖެހޭ 4,088.51 ޑޮލަރު، ހުކުމް ކުރާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދައްކަމުން ގޮސް ހަލާސްކުރުމަށެވެ.
ނަމަވެސް، ހުކުމާ އެއްގޮތަށް އެނާ ފައިސާ ދައްކާފައިނުވާތީ ބީއެމްއެލްއިން ވަނީ އެ ފައިސާ އެކީ އެކައްޗަކަށް އޭނާގެ އަތުން ހޯދުމަށް އެދި އަނެއްކާ ވެސް ދައުވާ ކޮށްފައެވެ.
އެ މައްސަލައިގައި މިިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ރުކުމާ ވަނީ ބޭންކާއެކު އިތުރު އެއްބަސްވުމެއް ހަދައިފަ އެވެ. މި އެއްބަސްވުމުގައި ވަނީ، އޭނާ ބޭންކަށް ދައްކަންޖެހޭ 4،088.51 ޑޮލަރުގެ ތެރެއިން، ކޮންމެ މަހަކު 110 ޑޮލަރަށް ވުރެ މަދު ނޫން އަދަދެއް ބޭންކަށް ދައްކައި ހަލާސްކުރާނެ ކަމަށް އެއްބަސްވެފައެވެ.
މީގެ އިތުރުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ މޯލްޑިވްސް އައިލެންޑް ބެވެރެޖްސް (ތާޒާ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖިނާން ޖަލީލް 2,700 ޔޫއެސް ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ސިވިލް ކޯޓުން ވަނި ހުކުމްކޮށްފައެވެ.
ޖިނާންގެ މައްޗަށްވެސް ހުކުމްކޮށްފައިވަނީ އޭނާއަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.
ބީއެމްއެލްއާއި ޖިނާންއާ ދެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު ަމހުގެ ތެރޭގައި ހެދުނު އެއްބަސްވުމުގެ ދަށުން 6،298.25 ޑޮލަރު ޖިނާން ނުދައްކާ އޮތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ބޭންކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދޭ ލުއިތަކުން އިންސްޓޯލްމަންޓުތަކަށް ބަހައިގެން 2،700 ޑޮލަރު ޖިނާން ދައްކަން ޖެހެއެވެ.
އެ ފައިސާ ގަވައިދުން ދެއްކުމުން ބާކީ ފައިސާ މައާފުކޮށްދޭނެ ކަމަށް ވެސް ބުނެފައިވާއިރު، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން 55 މަސް ދުވަހުގެ ތެރޭގައި ޖިނާން ފައިސާ ދައްކާ ޚަލާސްކުރަން ޖެހެއެވެ. އެއީ، ހަތަރު އަހަރަށްވުރެ ދިގު މުއްދަތެކެވެ.
އެގޮތުން، މަހަކަށް ޖިނާން ދައްކަން ޖެހެނީ 65 ޑޮލަރުކަން ފާހަގަކޮށްލެވެއެވެ.
ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި، ޖިނާން ވެސް މި މައްސަލައިގައި އެދުނީ ފައިސާ ދައްކާ ޚަލާސް ކުރާ ގޮތަށް ހުކުމެއް ކަނޑައަޅައި ދިނުމަށެވެ.
އެހެންވެ، އެއްބަސްވުމުގެ ކަންތައްތަކަށް ރިއާޔަތްކުރުމަށް ސިވިލް ކޯޓުން އަމުރުކުރީ ޖިނާން ދައްކާ ޖެހޭ ޖުމުލަ އަދަދުގެ ތެރެއިން 2،700 ޑޮލަރާއި އެއަށް އިތުރުވާ އިންޓްރެސްޓާ ޖޫރިމަނާ ދައްކާ ޚަލާސްކުރުމަށެވެ.
ސަރުކާރު ވެރިންތަކެއްގެ މައްޗަށް ދަރަނިތަކެއް ސާބިތުވެފައިވާއިރު، ރައްޔިތުން މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރެއް ކަމަށްވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންވެސް ދައްކަން އޮތް ދަރަންޏެއް ނުދައްކާ އޮތް މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ.