ފަސީހު / ޕޮލިސް
ހަބަރު
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ފަޞީހު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
21 މާރިޗު 2025
މާލެ ސިޓީ

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ދެންމެ އައްޔަން ކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށް ފަހު، ފަސީހު ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ. އެކަމަކު، އޭގެ ފަހުން އޭނާ ވަނީ ޕޮލިސް ބޯޑުގައި ޑިސެމްބަރު 12، 2022 އިން ފެށިގެން މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަސީހު މިރޭ އައްޔަންކުރައްވައިފައިވާ ކަމަށެވެ.

އޭނާ އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ހީނާ ވިދާޅުވި އެވެ.

ކުއްލި ގޮތަކަށް މިރޭ މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާއެކުގަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.

އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި މަގާމުން ވަކިކުރު ޝަމްއާނާ އެ ތުހުމަތުތަކާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved