

ދެކުނު ކޮރެއާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫން ސުކް ޔޯލް އެ ގައުމުގެ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލާފައިވާތީ އޭނާގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓު ދަމަހައްޓައި އޭނާ އެ މަގާމުން ވަކިކުރުމަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމައިފި އެވެ.
ޔޫން ސުކް ޔޯލް މަގާމުން ވަކިކޮށްފައިވަނީ މިއަދު އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނެރުނު ހުކުމެއްގައެވެ. އެ ހުކުމާއެކު އެ ގައުމުގައި މާޝަލް ލޯ އިއުލާނުކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތައް ވަނީ ނިމުމަކަށް އައިސްފައެވެ.
މި މައްސަލަ ބެއްލެވި ވަގުތީ އުއްތަމަ ފަނޑިޔާރު މޫން ހިޔުންގ-ބޭ ވިދާޅުވީ ޑިސެމްބަރު 3, 2024 ގައި ޔޫން ރައީސްކަމުގެ މަސްއޫލިއްޔަތާ ހިލާފުވެވަޑައިގަނެ ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލު ކުރެއްވި ކަމަށެވެ. އަދި އޭނާއަކީ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ސީރިއަސް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ޑިމޮކްރެޓިކް ޖުމްހޫރިއްޔަތެއްގެ މުސްތަގިއްލު މެންބަރުންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ އަމާނާތަށް ޔޫން ވަރަށް ބޮޑު ހިޔާނާތެއްވި
މަޖިލީހުގައި އޮތް އަގުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، ކުއްލި ހާލަތު އިއުލާނު ކުރެއްވި ކަމަށް ޔޫން ދެއްކެވި ގިނަ ވާހަކަތައް ކޯޓުން ބޭރުކޮށްލީ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށް ގާނޫނީ ގޮތުން އެކަށީގެންވާ ގޮތްތަކެއް އެބަހުރި ކަމަށް ބުނެ އެވެ.
ރައީސް ކަމުގެ މަގާމުން ޔޫން ދުރު ކުރުމަށް ދުސްތޫރީ ކޯޓުން ޙުކުމް ކުރުމާ އެކު، އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅު ކުރަމުންނެވެ. ނަމަވެސް، އޭނާއަށް ތާއީދު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ ރިޔާސީ ގަނޑުވަރު ކައިރިއަށް ޖަމާވެ، އޭނާއަށް ތާއީދު އޮތް ކަން ހާމަ ކޮށްފަ އެވެ. އަދި، ބައެއް މީހުން ވަނީ ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން ހަމަނުޖެހުން ހިންގާފަ އެވެ.
އެ ގައުމުގެ ގާނޫނުއަސާސީ ބުނާ ގޮތުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި އަވަސް އިންތިހާބެއް ބާއްވައި ރައީސަކު އިންތިހާބުކުރަން ޖެހެ އެވެ. އާ ރައީސަކު ހުވާ ކުރަން ދެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހަން ޑަކް-ސޫ އެވެ.