

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 11 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގެ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ. އޭގެން ފެންނަ ގޮތުގައި، އެ ކެފޭގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔައީ ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް ވަރަށް މުޑުދާރު ކޮށެވެ.
އެގޮތުން، ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ އެކޭފޭގެ ބަދިގެ އޮތީ ވަރަށް ހަޑިކޮށެވެ. އެ ތަނުގައި ބައެއް ކާއެއްޗެހި ހަދާފައި ހުރި ތެލިތަކުގައި މަތިނުޖަހާހުރި އިރު، އެހެނިހެން ސާމާނުތައް ހުރީ އެތަނުގެ ތެރޭގައި އެއްވެސް ތަރުތީބެއް ނެތި އެވެ.
ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.