ރައީސް ޔާމީން އަރިހުގައި އަދުގެ މަޖިލިސް ރައީސް އަބްދުއްރަހީމް / ޕީޕީއެމް
ސިޔާސީ
ރައްޔިތުންގެ މަޖިލީހަކީ ކުޅޭ ކުޅޭ ތަނަކަށް ވެއްޖެ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
22 އޭޕްރީލު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހަކީ މިހާރު ކުޅޭ ކުޅޭ ތަނަކަށް ވެފައި އޮތް ތަނެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

ޕީއެންއެފުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ގައުމު އޮތް ހާލަތަށް ބަލާއިރު އަނެއްކާވެސް ބޮޑެތި މަސައްކަތްތަކެއްކޮށް ހަމަމަގަށް އަޅުވަން ޖެހިފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު ބުރަ މަސައްކަތުން އެކުލަވާލި ގާނޫނު އަސާސީ ތަންފީޒުކުރުމަށް ކްރެޑިބަލް ކަމަށް ގާބިލު އިންޓަގްރިޓީ ހުރި މީހުން ބިނާކުރަން މިހާރު ޖެހިފައިވާ ކަމަށާ ނަމަވެސް އެއީ އުނދަގޫ މަސައްކަތެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު އޮތީ ކަރުދާހުގައި ވަރަށް ފުރިހަމައަށް ނަމަވެސް އޭގެ ބާރު ނުހިނގާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވަނީ މިއަދު އުއްތަމަ ފަނޑިޔާރު ހަނު ހުންނަވަނީ ރާއްޖޭގައި ކޮންކަމެއް ރަގަޅަށް ހިނގާތީ ކަމާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި ސުވާލު އުފެދޭކަން ހާމަކުރައްވާފައެވެ. އެކުގައި މަސައްކަތްކުރި ފަނޑިޔާރުންތަކެއް އެއްފަރާތްކޮށް މައްސަލަތައް ބެލުމުގެ ނަމުގައި ދިގު ދަންމަމުން ދިޔަ ނަމަވެސް އުއްތަމަ ފަނޑިޔާރު އަނގައިން ވިދާޅުނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމުގެ ކަންކަން ހަމަ މަގުން ނައްޓާފައިވާ ކަމަށާ އެގޮތުން އިގްތިސޯދު ރަގަޅުކޮށް ފަނޑިޔާރުގެތަކަށް ވެސް ކްރެޑިބަލް މީހުން އައްޔަންކުރަން ޖެހިފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހާރު އޮތް ނިޒާމު ހިނގާނެ ގޮތަކަށް ގައުމުގެ ކަންކަން ފަހި ކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެކަމުގައި އެންމެ ބުރަ މަސައްކަތް ކުރަން ޖެހެނީ މަޖިލިސް ކަމަށާ އެކަމުގައި އެ މެމްބަރުންގެ ޒިންމާ ބޮޑު ކަމަށެވެ. އެގޮތުން މަޖިލީހުގެ އެންމެ ސީނިއަރ އެއް މެމްބަރު ކަމަށްވާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު، މަޖިލިސް މެމްބަރުން ގައުމު ހަމައަކަށް އެޅުވުމުގައި ޒިންމާ އުފުލަން ޖެހޭ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނަމަވެސް މިހާރު އޮތީ ކުޅޭ ކުޅޭ މަޖިލީހެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަށް ނާކާމިޔާބުވާނެ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހެޅުމުން ފަނޑިޔާރުގެ ޕެރެލައިޒްކޮށްލުމުންވެސް މަޖިލީހުން ހަނު އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved