

އިންޑިޔާ އިސްވެ ޕާކިސްތާނަށް ދޭން ފެށި އަސްކަރީ ހަމަލާ ތަކުގައި ސަހްޔޫނީންގެ "ޑްރޯން" ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ބޭނުން ކުރާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ޕާކިސްތާނުގެ ޖިއޯ ޓީވީ ރޭ ބުނިގޮތުގައި އިންޑިއާއިން ޕާކިސްތާނުގެ ލާހޯރާއި އެކި ހިސާބުތަކަށް ހަމަލާދޭން ބޭނުންކުރާ ޑްރޯންތަކުގެ ތެރޭގައި ސަހްޔޫނީން އުފައްދާފައިވާ "ސުއިސައިޑް ޑްރޯން" ކަމަށްވާ ސްޕައިސް-2000 ބޭނުންކުރެ އެވެ. ޖިއޯ ޓީވީ އިތުރަށް ބުނީ ޕާކިސްތާނުގެ އަސްކަރިއްޔާއިން އެ ގައުމުގެ ވައިގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެގެން އުޅުނު 25 ޑްރޯނެއް އިއްޔެގެ ނިޔަލަށް ވެސް ވައްޓާލާފައި ވާކަމަށެވެ.
އިންޑިއާއިން "އޮޕަރޭޝަން ސިންދޫރް" ގެ ނަމުގައި ފެށި ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ވަނީ ރޭ އިންޑިއާ އަށް ވަރުގަދަ ހަމަލާތަކެއްދީ އިންޑިއާ ސިއްސުވާލާފަ އެވެ.
ޕާކިސްތާނުގެ އަސްކަރީ ތަރުޖަމާނު އަހުމަދު ޝަރީފް ޗައުދަރީ ރޭ ވިދާޅުވިގޮތުގައި އިންޑިއާ ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގެ ކައިރީގައިވާ މަރުކަޒެއް ހިމެނޭގޮތަށް ޕާކިސްތާނުގެ ތިން އަސްކަރީ މަރުކަޒަކަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި މިސައިލުން ހަމަލާތަކެއް ދީފައެވެ.
އޭނާ ވިދާޅުވިގޮތުގައި އިންޑިއާގެ މިސައިލްތަކުގެ ތެރެއިން ގިނަ މިސައިލްތައް ޕާކިސްތާނުގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލި އެވެ. އެހެންކަމުން އެ ހަމަލާތަކުގެ ގެއްލުންތައް އެހާ ބޮޑެއް ނޫނެވެ.
ޕާކިސްތާނުން ނެރުނު އަސްކަރީ ބަޔާން ބުނާގޮތުން "އަލްބުންޔާނުލް މަރުސޫސް" ގެ ނަމުގައި އިންޑިއާއާ ދެކޮޅަށް އަސްކަރީ ދިފާއީ އޮޕަރޭޝަނެއް ފަށަން މަޖުބޫރުވީ އިންޑިއާގެ މި ހަމަލާތަކާ ގުޅިގެންނެވެ.
ބުދަ ދުވަހު ފްރާންސްގެ އޮފިޝަލުން ސީއެންއެން އަށް ވެސް ބުނެފައިވާ ގޮތުގައި ޕާކިސްތާނުގެ އެއާފޯސް އިން ވަނީ އިންޑިއާއިން ގެންގުޅޭ ރަފެއަލް ފައިޓާ ފަސް ޖެޓެއް ވައްޓާލައިފަ އެވެ. މިއީ އިންޑިއާގެ އަސްކަރީ ގާބިލުކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން އަންނަނީ ބުނަމުން ނެވެ.
މޭ 7ވަނަ ދުވަހު އިސްވެ ޕާކިސްތާނަށް ޙަމަލާ ދީފައި ވަނީ އިންޑިޔާގެ އަސްކަރިއްޔާއިންނެވެ. އިންޑިޔާގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ނިރުބަވެރި ޖަމާއަތްތަކުން ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ ސަރަހައްދުތަކަށެވެ. އިންޑިޔާއިން ޕާކިސްތާނަށް ހަމަލާ ދީފައި ވަނީ، ނިރުބަވެރި ޖަމާއަތަކުން އިންޑިޔާގެ ކަޝްމީރުގައި ދިން ބަޑީގެ ހަމަލާތަކަކާ ގުޅުވަ އެވެ. އެ ހަމަލާގައި 23 މީހުން މަރުވި އެވެ.
އެ ހަމަލާ ދިނުމުގައި އިސްލާމްއާބާދުގެ ބައިވެރިވުން އޮތް ކަމުގައި ނިއު ދެއްލީން ތުހުމަތު ކުރި ނަމަވެސް، ޕާކިސްތާނުން ދަނީ އެ ތުހުމަތުތައް ދޮގު ކުރަމުންނެވެ. އެ ހަމަލާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށް ޕާކިސްތާނުން ހުށަހަޅާފައިވެ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އަދި ދެކުނު އޭޝިޔާ ސަރަހައްދުގެ މައި ދެ ބާރުގެ ގޮތުގައި ބެލެވޭ އިންޑިޔާއާއި ޕާކިސްތާނާ ދެމެދުއިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.