މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަމީން ވާހަކަދައްކަވަނީ.- / ރައީސް އޮފިސް
ހަބަރު, ސިޔާސީ
މިނިސްޓަރު އަމީނަށް އިތުބާރު ކުރާކަމަށް މަޖިލީހުން ފާސްކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 މޭ 2025
މާލެ ސިޓީ

އެމްޑީޕީން ހުށަހަޅާފައިވާ މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނުގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ރައްޔިތުންގެ މަޖިލީހުގޮތެއް ނިންމައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.

މިހާރު އޮތް މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން 75 މެންބަރުންނަކީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. އެހެންކަމުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަކީ ސަރުކާރާ ދެކޮޅު ސިޔާސީ ވާދަވެރިންނަށް ވަރަށް ދަތި ކަމެކެވެ.

އަމީން ވަކިކުރަން ހުށަހެޅީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުން ވަނީ ސޮއިކޮށްފައެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް މީގެ ކުރިން ވިދާޅުވީ، އަމީންގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުން ކަމަށެވެ.

އެ ގޮތުން، އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމާއި އެ ކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށެވެ.

މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކުރި ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެ އެވެ. މި ތުހުމަތު އަމީން ދޮގުކުރެ އެވެ.

ގިނަ ބަޔަކު އަންނަނީ ޔުމްނު މައްސަލަ ހިނގާ ދިޔަގޮތުން މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގޮވަމުން ނެވެ. ނަމަވެސް، އަމީން ވިދާޅުވީ އިސްތިއުފާ ދޭން ނުވިސްނަވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved