އާމިރު ހާން މޯދީއާއި ސަލާމް ކުރަނީ / ބޮލީވުޑް ޓެބްލޮއިޑް
ދުނިޔެ
އޮޕަރޭޝަން ސިންދޫރު އަށް ތާއީދުކުރުން ލަސްވުމުން އިންޑިއާއިން ފިލްމުތައް ބޮއިިކޮޓުކުރަނީ.!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
20 މޭ 2025
މާލެ ސިޓީ

ޕާކިސްތާނާއި ދެކޮޅަށް އިންޑިއާއިން މިފަހުން ޖެއްސި އަސްކަރީ އޮޕަރޭޝަން "އޮޕަރޭޝަން ސިންދޫރު" އަށް ތާއީދުކޮށް ދުރާލާ ވާހަކަ ނުދެއްކުމުން ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިލްމުތަކަށް ނުދަން އިންޑިއާގެ ރައްޔިތުން ގޮވަން ފަށައިފި އެވެ.

އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. އަދި އިންޑިއާގެ ޒަމާނީ ފަސް ޖެޓް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ހަލާކުކޮށްލި އެވެ. އަދި އިންޑިއާގެ ބައެއް ސިފައިން ޕާކިސްތާނުގެ ހިސޯރަށް ގެން ދިއައެވެ.

އިންޑިއާގެ އަސްކަރީ ފަސް ޖެޓް ވައްޓާލިކަން ކަށަވަރު ކޮށްދެއްވަމުން ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ މުހައްމަދު އާސިފް ވިދާޅުވިގޮތުގައި ޕާކިސްތާނުން ވައްޓާލި އިންޑިއާގެ ފައިޓާ ޖެޓްތަކުގެ ތެރޭގައި ހިމެނެނީ ފަސް ޖެޓެކެވެ. އެއީ ފަރަންސޭސިވިލާތުގައި އުފައްދާ ރަފަލް މަރުކާގެ ތިން ޖެޓަކާއި ރަޝިއާގައި އުފައްދާ އެސްޔޫ-30 މަރުކާގެ ޖެޓަކާއި މިގް-29 މަރުކާގެ ޖެޓެކެވެ.

ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ވާދަވެރި ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުންދިޔަ އަސްކަރީ ކުރިމަތިލުން ތަކުގައި ޕާކިސްތާން ކުރި ހޯދަން ފެށުމުން އިންޑިއާއިން ވަނި ދޫ ދީ މަޝްވަރާއަށް ދާން ބޭނުން ކަމަށް ބުނެ އަމާން ދީފަ އެވެ.

އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި އަސްކަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"އަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު އެކްޓަރު/ފަންނާނުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އިންޑިއާގެ އަސްކަރީވެރިން ވަނީ ޝަކުވާ ކޮށްފަ އެވެ.

އެގޮތުން އެކްޓަރު އާމިރު ހާން އަދި ސަލްމާން ހާން ފަދަ ތަރިންގެ އަޑު އިންޑިއާ އަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި މަޑުވެފައިވާތީ އެ ސްޓާރުންގެ ފިލްމު ބަލަން ނުދަން މިހާރު އިންޑިއާގެ ހަރުކަށި ވަތަނީ މީހުން އަންނަނީ ބާރު އަޅާމުން ނެވެ.

ގިނަ ބަޔަކު އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފައިވުމާ އެކު ފިލްމަށް ބޮކްސް އޮފީހުގައި ވާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އާމިރުގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޓްރެއިލާ ރިލީޒް ކުރުމުގެ އެއް ދުވަސް ކުރިން އެކްޓަރުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ "އޮޕަރޭޝަން ސިންދޫރު"ގައި ހަރަކާތްތެރިވި އަސްކަރީ އޮފިސަރުންނަށް ސެލިއުޓް ކުރާ ކަމަށާއި އެއީ ހީރޯއިން ކަމަށް ބުނެފައެވެ. ހަމައެއާއެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވެސް އާމިރުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved