April 4, 2026
Advertisement
މަލިކު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން
މަލިކު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން / ސޯޝަލް މީޑިއާ

މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލަން ނިންމުން މުޒާހަރާކޮށްފި

May 27, 2025, 03:37 AM
މާލެ ސިޓީ

އިންޑިއާގެ ލަކްޝަދީބުގައި އޮންނަ މަލިކު މީހުން ވާހަކަ ދައްކާ މަހަލް ބަސް ނުވަތަ ދިވެހި ބަސް ސްކޫލުގައި ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމާފައިވާތީ މަލިކު ރައްޔިތުން އިހުތިޖާޖުކުރަން ފަށައިފިއެވެ.

Advertisement

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައި ނުދޭންް އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާއިން ނިންމުމާ ގުޅިގެން އެކަމާ އިހުތިޖާޖުކޮށް ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށް ގޮވާލައި މަލިކު ރައްޔިތުން ވަނީ މަގުތައް މައްޗަށް ނުކުމެ އަޑު އުފުލާފައިއެވެ.

މުފީދުއްދީން ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމުގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އޭނާ މިކަން ސިފަކުރީ، މިއީ މަލިކު މީހުންގެ ސަގާފަތް ފޮހެލުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. އަދި މިއީ ހަމައެކަނި އެމީހުންގެ ތައުލީމީ ނިޒާމަށް ދޭ ހަމަލާއެއް ނޫންކަމަށާއި މިއީ އެމީހުންގެ ސަގާފަތާއި އެމީހުންގެ ނަސްލަށް ދޭ ހަމަލާއެއް ކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިންޑިޔާގެ ޕާލަމެންޓްގައި މަލިކާއެކު މުޅި ލަކްޝަދީބު ތަމްސީލުކުރައްވާ އެމްޕީ، ޙަމްދުއްލާ ސަޢީދު ވަނީ ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނެރުނު އެންގުން ބާތިލުކޮށް އަލުން ދިވެހި ބަސް ހިމެނުމަށް ގޮވާލައި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ސިޓީގައި ވަނީ، އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމި މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާކަމަށެވެ. އަރަބި އަދި ދިވެހި ބަހަކީ ލަކްޝަދީބުގައި އެކަޑެމިކް މާއްދާތަކެއްގެ ގޮތުގައި ބަލާ މާއްދާތަކެއް ނޫން ނަމަވެސް، މަލިކު މީހުންގެ ސަގާފަތާ، ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބަސްތަކެއްކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި ސިޓީގައި ވަނީ، މަލިކުގެ ސްކޫލުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމީ މާޗް މަހުގެ 29ވަނަ ދުވަހު ސްކޫލު ބަންދުކޮށްފައި ވަނިކޮށް ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ، ކަމާ ގުޅުންހުރި މީހުންގެ ތެރޭގައި ހިމެނޭ، ސްކޫލު މެނޭޖްމަންޓް ކޮމިޓީތަކާއި، ޓީޗަރުންނާއި، ބެލެނިވެރިން އަދި އިންތިޚާބު ކޮށްފައިވާ މަންދޫބުންނާ ވެސް މަޝްވަރާ ނުކޮށްކަން މި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވަގުތުން ވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް އެ ސިޓީގައި އެދިފައިވެއެވެ. އަޅަން އެދުނު ފިޔަވަޅުތަކުގެ ތެރޭގައި:

  • ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް ނިންމި ނިންމުން ބާތިލުކުރުން
  • ދިވެހި ބަހާއި އަރަބި ބަސް ތްރީ ލެންގުއޭޖް ފޯމިއުލާގެ ދަށުން އަލުން ލިޔަވައިދޭން ފެށުން
  • މިކަމުގައި ކަމާ ގުޅުންހުރި މީހުންގެ ޚިޔާލު ހޯދުން
  • އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި އޮޕްޝަނަލް ލެންގުއޭޖް ފްލެކްސިބިލިޓީ ގާއިމްކުރުން ހިމެނެއެވެ.

މަހަލް ބަސް ނުވަތަ ދިވެހި ބަހުގެ އިތުރުން އަރަބި ބަސް މަލިކު ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލުމަށް ވެސް ލަކްޝަދީބު ސަރުކާރުން ވަނީ ނިންމާފައެވެ.

މަލިކުގައި ދިވެހި ބަސް ކިޔަވައިދެނީ ގްރޭޑު ހަތަރަކާ ހަމައަށެވެ. މިއީ މަލިކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓާލުމަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތް އޮތުން ނިމުމަކަށް އައީ އެ ރަށުގެ މީހުންގެ މެދުގައި ނެގި ވޯޓެއްގައި ގިނަ ބަޔަކަށް އެގޮތް ފެނުމުން މީގެ 300 އެއްހާ އަހަރު ކުރިންނެވެ. އެ ވޯޓުގައި ގިނަ ބަޔަކު ނިންމީ އިންޑިއާގެ ބަޔަކަށް ވާށެވެ. އެ ގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް މާލެ އައުމަށް ވުރެން އިންޑިއާއަށް ދަތުރު ކުރުން ފަސޭހަވެފައި، ކައިރިވުން ހިމެނޭ ކަމަށް ވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
ހަބީބު.
May 30, 2025, 05:30 AM
ދެންއަނެއްކާ ވޯޓެއްނަގަންވީނު އަނބުރާ އުނބައްޖަހަން
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved