

މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓައިލަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ކެރެލާގެ ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މާޗު 29 ވަނަ ދުވަހު ވަނީ މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކޮއްފައެވެ. މިބަދަލަކީ ބެލެނެވެރިންނާއި އަދި ސްކޫލްތަކުގެ މެނޭޖުމެންޓުގެ އިތުރުން ޓީޗަރުންނާ ވެސް މަޝްވަރާ ނުކޮސް ގެނެސް ފައި ވާ ބަދަލެކެވެ.
ލަކްޝަދީބު ސަރުކާރާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅީ އިންޑިއާގެ ނޭޝަނަލް ސްޓޫޑެންޓްސް ޔޫނިއަންގެ ލަކްޝަދީބު ޔުނިޓުގެ ރައީސް އަޖަސް އަކްބަރު އެވެ.
އެ ނިންމުމަށް އަމަލު ކުރުން ހުއްޓުވުމަށް ކެރެލާގެ ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރުނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި އަވަސް އަރުވާލައިގެން އެ ނިންމުން ތަންފީޒު ކުރަން އުޅުމުންނެވެ.
އެ ނިންމުން ނިންމުމުގައި އެއްވެސް ދިރާސާއެއް ހަދާފައިވާ ކަމުގެ ހެއްކެއް ލަކްޝަދީބު ސަރުކާރަށް ކޯޓުގައި ދެއްކިފައި ނުވެ އެވެ. އެގޮތުން މަލިކުގެ ސްކޫލްތަކުގައި ދިވެހި އަދި އަރަބި މި ދެމާއްދާވެސް ކެރެލާ ހައި ކޯޓުން ނެރުނު އަމުރާ އެއްގޮތަށް އަލުން ކިޔަވައިދޭން ފަށާފައި ވެއެވެ.
އެ ސުކޫލު ތަކުގައި ދިވެއްސާއި އަރަބީގެ ބަދަލުގައި ކިޔަވައިދޭން ނިންމާފައި ވަނީ ހިންދީ ބަހެވެ. ނަމަވެސް މަލިކު ރައްޔިތުން ވާހަކަ ދައްކާ ރަސްމީ ބަހަކީ ދިވެހި ބަހެވެ. މަލިކު މީހުން ލިޔެ އުޅެނީ ވެސް ތާނަ އަކުރު ބޭނުން ކޮށްގެންނެވެ.
މަލިކަކީ މީގެ ކުރިން ރާއްޖޭގެ އުތުރަށް އޮންނަށް ރާއްޖެއަށް ނިސްބަތްވާ އަތޮޅެކެވެ. ނަމަވެސް މިހާރު އެރަށް ނިސްބަތް ވަނީ އިންޑިޔާއަށެވެ.