ވީއައީއޭގެ އައު ޓާމިނަލް / މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ހަބަރު
ރައީސް ޔާމީންގެ މޭސްތިރިކަމުގެ ދަށުން ތަރައްގީ ކުރަން ފެށި ވީއައިއޭގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވަން ތައްޔާރުވަނީ!
Hussain Nawaf
ހުސައިން ނަވާފް
27 މޭ 2025

ރައީސް އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން ތަރައްގީ ކުރަން ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެމްއޭސީއެލްގެ ޗީފް ޓެކްނޮޮލޮޖީ އޮފިސަރު ޝަފީޒު އަހްމަދު އޭވިއޭޝަން ފޯރަމްގައި ދެއްކެވި ވާހަކަައިގެ ތެރެއިންނެވެ.

އެގޮތުން އައު ޓާމިނަލްގައި ސެލްފް ޗެކިން ކައުންޓަރުތަކާއި އޮޓޮމެޓިކް ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައްވެސް ހުންނާނެއެވެ.

މި ޓާމިނަލް ހުޅުވާނީ މުޅިން އަލަށް ބަހައްޓާފައިވާ ހަ އެއިރޯބްރިޖާ އެކުގައެވެ. އޭގެ ސަބަބުން ޕެސެންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތްވުމެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށީވެސް ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް އެސްއެފްޑީ އިން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

ވީއައިއޭގެ އާ ޓަމިނަލް ހުޅުވުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

އައު ޕެސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ 300 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އައު ޕެސެންޖަރ ޓާމިނަލް އަކީ ހަތްދިހަ އަށް ހާސް ސްކޮޔާ މީޓަރ ބޮޑު، ސާޅީސް ޑިޕާޗަރ ގޭޓާއެކު ތިރީސް އަށް އިމިގްރޭޝަން ކައުންޓަރ ހިމެނޭ ގޮަތަށް ފަރުމާ ކުރެވި ޒަމާނީ ފެންވަރަށް ހަދާ ހިޔާކޮށްފައިވާ ބާރަ ޖެޓީ ހިމެނޭ ޓާމިނަލެކެވެ. މި ޓާމިނަލްގައި ޒަމާނީ ބެގެޖް ސްރީނިން އަދި ބެގެޖް ސާވިސް ބެލްތަކާއި އެކްސްޕްލޯސިވް ޑިޓެކްޓިވް ސިސްޓަމެއްގެ އިތުރުން ފިއުލް ހައިޑްރެންޑް ސިސްޓަމެއް ވެސް ހުންނާނެއެވެ.

މި މިޝްރޫއަކީ ރައީސް ޔާމީންގެ ތަރައްގީގެ ތަސައްވުރުގެ ތެރެއިން އެ ކަމުގެ ފުރިހަމަކަން ދައްކުވައިދީ އިގްތިސާދީ އެތައް ފައިދާއަކާ ގުޅިގެންދާނެ ކަމެއްގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved