

އެމެރިކާއިން ޣައްޒާ އެހީތެރިވާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އެހީ ބެހުމުގެ މަރުކަޒުތަކުގެ ކައިރީގައި، އެހީ ހޯދަން އައި އެތައް ބަޔަކު ސަހްޔޫނީގެ ސިފައިން ޝަހީދުކޮށްލި މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކާމެދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބްރޫސް ވިދާޅުވެފައި ވަނީ، ޣައްޒާއަށް ކާނާއާއި އެހީ ފޯރުކޮށްދޭން އެންމެން ވެސް ބޭނުންވާ ކަމަށާއި އެތަނަކީ ހަނގުރާމައިގެ ސަރަހައްދެއް ކަމަށް ވާއިރު އެފަދަ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި މީހުން އެމީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ކަމުގައެވެ.
ޖީއެޗްއެފްއިން މެއި 27 ގައި ގާޒާގައި މަސައްކަތް ފެށި ފަހުން، އެހީ ހޯދަން އަންނަ ގިނަ ބަޔަކު ސަހްޔޫނީ ސިފައިންގެ އަތުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ސަހްޔޫނީ ސިފައިން ސީދާ އާންމު ރައްޔިތުންނަށް އަމާޒު ވާނެހެން ބަޑީގެ ގިނަ ހަމަލާތަކެއް ދީފައިވާކަމަށް، ޑްރޯން ފުޓޭޖް ތަކުން ނާއި ހެކިންގެ ވީޑިއޯ އަދި ރަފާގެ މެޑިކަލް ޓީމްތަކުގެ ހެކިބަހުން ހާމަ ވެގެން ދެއެވެ. އަދި އެ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ގިނަ މީހުން ޝަހީދުވެފައިވަނީ ބޮލަށާއި ގަޔަށް ބަޑީގެ ވަޒަން އެރުމުގެ ސަބަބުންނެވެ.
ސަހްޔުނީއިން މާރޗް 2 ގައި ޣައްޒާގެ މައި އެންޓްރީ ޕޮއިންޓްތައް ބަންދުކުރުމާ ގުޅިގެން، އެތައް މިލިއަން ފަލަސްތީނުންނަށް ކާނާއާއި، ބޭސް އަދި އިންސާނީ އެހީ ލިބުން ހުއްޓި، އިންސާނީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކުގެ ޖަމާއަތްތަކުން ބުނަމުންދެއެވެ.
ސަހްޔޫނީއިން ފަލަސްތީނުންނާ ދެކޮޅަށް ބަނޑުހައިހޫނުކަން ބޭނުން ކުރަމުން އަންނަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އިންސާނީ ޙައްޤުތަކުގެ ޖަމާއަތްތަކުން ތުހުމަތުކޮށްފައި ވެއެވެ.