
އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓުނު އިރު އެ ބޯޓު ފުރިއިރުވެސް ބޯޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ހާމަވެއްޖެއެވެ.
ޖުމުލަ 242 މީހުން ދަތުރުކުރި އެއާ އިންޑިއާގެ ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުބާދުގެ ސަރުދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
ލަންޑަނަށް ދަތުރުކުރި އެ ބޯޓުގައި 242 މީހުން ދަތުރުކޮށްފައިވާއިރު އޭގެ ތެރޭގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ހިމެނެއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ސާފު ނުވާ އިރު އެ ބޯޓު ފުރިއިރުވެސް ބޯޓުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ވަނީ ހާމަވެފައެވެ.
އެގޮތުން އެ ފްލައިޓުގައި ހުރި އޭސީ ތަކާއި ލައިޓުތަކުގެ އިތުރުން ސީޓުގައިވާ ޓީވީ ސްކްރީނުތަކުގެ އިތުރުން އެހެނިހެން ބަޓަންތައްވެސް މަސައްކަތް ނުކުރާކަން އާކާޝް ވަޓްސާ ނަމަކަށް ކިޔާ މީހާކު ހިއްސާކޮށްފައިވާ ވީޑިއޯއިން ހާމަވެއެވެ.
އާކާޝް ވަނީ ބޯޓުގައި ހުރި އެ މައްސަލަތައް ފެންނަ ގޮތަށް ވީޑިއޯ ހިއްސާކޮށްފައެވެ. އާކާޝްއަކީ އެއާރ އިންޑިއާ ފްލައިޓުން އަހުމަދު އާބަދަށް ދަތުރުކުރި މީހެކެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އެ ފްލައިޓު ކްރޭޝްވީ އަހުމަދު އާބާދުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރުންތަކެއް ތިބޭ ދަނާލަކަށް ވެފައި އެ ތަނުގައި ތިބި އެތައް ކުދިންނެއްވެސް ވަނީ މި ހާދިސާގައި މަރުވެފައި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.










