

ސަހްޔޫނީން މެދިއިރުމަތީގައި ހިންގަމުންދާ ހަނގުރާމައަށް އެތަކެއް އަހަރުވެފައިވާ އިރު، އޭޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ އިންޑިއާ ފާހަގަކޮށްލެވެނީ ސަހްޔޫނީންނަށް ވާގިވެރިވެ އެ ގައުމަށް ހަތިޔާރު ފޯރުކޮށްދޭ ހަމައެކަނި ގައުމުގެ ގޮތުގައެވެ.
މިގޮތުން ފަލަސްތީނާއި ދެކޮޅަށް ސަހްޔޫނީން ހިންގަމުން އަންނަ ގަތުލުއާންމު އަކީ އިންޑިއާއިން ސަހްޔޫނީންނާއި އެކުވެރިކަން ބާއްވާ އެންމެ މައިގަނޑު ސަބަބު ކަމުގައި ވަނީ ފާހަގަވެފައެވެ. ޚާއްސަކޮށް ޓެރަރިޒަމްގެ ބޮޑު ހަބަކަށް އޭޝިއާ ސަރަހައްދު ވެފައިވުމުގެ ސަބަބުން ދެ ގައުމުގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެ ދެ ގަައުމު އިތުރަށް ވަނީ ގާތްވެގެން ގޮސްފައެވެ. އިންޑިއާ އަކީ ސަހްޔޫނީންގެ އެންމެ ގާތް އެއް ބަޔަކު ކަމުގައި ޚުދު އެ ގައުމުންވެސް ފާހަގަކުރެެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިންޑިއާއިން ވަނީ އާޓިލަރީ ޝެލްތަކާއި، ލުއި ހަތިޔާރާއި ޒަމާނީ ޑްރޯން ފަދަ އަސްކަރީ ސާމާނު ސަހްޔޫނީންނަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ފެސިލިޓީއެއްގައި ސަހްޔޫނީންގެ އެލްބިޓް ސިސްޓަމްސް އިން އުފައްދާ އެންމެ ޒަމާނީ ވައިގެ އުޅަނދެއް ކަމަށްވާ ހަރްމީސް 900 ޑްރޯން އެވެ. މަޝްހޫރު މި ޑްރޯންތަކަކީ ސަހްޔޫނީން އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކޮށްފައިވާ ޑްރޯންތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއާއި އެކު އިންޑިއާއިން ވަނީ ކުދި ހަތިޔާރާއި ވަޒަން އަދި އެހެނިހެން ލުއި ހަތިޔާރު ފޯރުކޮށްދީފައި ކަމަށާއި އެއީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ސަހްޔޫނީންގެ ދިފާއީ ގާބިލްކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ހަތިޔާރުތަކެއް ކަމަށް މައުލޫމާތު ހޯދިފައިވެއެވެ.
މި ހަތިޔާރުތައް ފޯރުކޮށްދެނީ އިންޑިއާގެ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ކަމަށްވާ ބާރަތު ޑައިނަމިކްސް ލިމިޓެޑާއި އަދާނީ ޑިފެންސް އެންޑް އެއަރޮސްޕޭސް ފަދަ ކުންފުނިތަކުންނެވެ.
ސަހްޔޫނީންނާއި ގުޅުން ދަމަހައްޓާ ވަރުގަދަ ކުރަނީ "ޓެރަރިޒަމް" ގެ ބިރުވެރިކަން އިންޑިއާ އަށް އޮތުމުގެ ސަބަބުން ކަމަށް އެ ގައުމުން ބުނި ކަމުގައިވިޔަސް އިންޑިއާ އަކީ އަބަދުވެސް މުސްލިމުންނާއި ދެކޮޅު، މުސްލިމުން ނައްތާލުމަށް ގޮވާލާ ބަޔެކެވެ. މުސްލިމުންނާއި ދުޝްމަނު ކޮންމެ ބަޔަކީ އިންޑިއާގެ އެކުވެރި ބަޔެއްގެ ގޮތުގައި ވަނީ ވެފައެވެ.
އިންޑިއާއިން ސަހްޔޫނީންނަށް ތާއީދުކޮށް ވާގިވެރިވަމުން އަންނާތީ ބައިނަލްއަގްވާމީ ގޮތުންވެސް އިންޑިއާއަށް ބޮޑެތި ފާޑުކިޔުންތައް އަންނަނީ ކުރިމަތިވަމުންނެވެ. ޚާއްސަކޮށް ފަލަސްތީނުގެ ދިފާއުގައި ވަކާލާތްކުރާ ގައުމުތަކުންނާއި އެކިއެކި ޖަމްއިއްޔާތަކުންވެސް އިންޑިއާއާއި ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ.
މުސްލިމު އުއްމަތުގެ އަޚުންނާއު އުޚުތުން އެއްވެސް އިންސާނިއްޔަތުކަމެއްނެތި މަރަމުން އަންނަތާ އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރުވެސް ދިވެހިރާއްޖޭގެ އެންމެ ގުޅުން ވަރުގަދަ ގައުމަށް އިންޑިއާ ވުމަކީ ގޮތް ހުސްވެފައިވާ ފަލަސްތީނުގެ މުސްލިމުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ފަލަސްތީނުގެ ރައްޔިތުން ނައްތާލުމަށް އިންޑިއާއިން ހަތިޔާރުތައް ފާޅުގައި ފޯރުކޮށްދޭކަން އިގޭ އިރުވެސް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރ ރަސްމީ އިއްޒަތުގައި މި ގައުމަށް ގެނައުމަކީ ދިވެހީންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އޭޝިއާ ސަރަހައްދުގައި ސަހްޔޫނީންނަށް ހަތިޔާރު ދީ ވާގިވެރިވާ ހަމައެކަނީ ގައުމަކީ އިންޑިއާ ކަމަށް ވާއިރު ދިވެހިރާއްޖޭގެ ސަރުކާރުން އިންޑިއާ އާއި ގުޅުން ވަރިގަދަކޮށް އިންޑިއާއަށް ވާގިވެރިވުމަކީ ސަހްޔޫނީންނަށްވެސް ވާގިވެރިވުމެވެ.