

ދިވެހިރާއްޖޭއަށް އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ހިންގުމުގެ އެއްބަސްވުން އައުކޮޮށްފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ހާމަކުރެއްވި ގޮތުގައި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު މަތިންދާބޯޓުތައް ދިވެހިރާއްޖޭގައި ހިންގުމުގެ އިންތިޒާމު ދެމެހެއްޓުމަށް ދެޤައުމުން ވަނީ އެއްބަސްވެފައެވެ.
މި މަތިންދާބޯޓުތަކަކީ އެތައް އަހަރެއް ވަންދެން ރާއްޖޭގައި ޚިދުމަތް ދެމުން އަންނަ، އަދި މައިގަނޑު ގޮތެއްގައި މެޑިކަލް އިވެކުއޭޝަންތަކަށާއި ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންކުރެވޭ ވަސީލަތްތަކެކެވެ.
މިދިޔަ 2024 ވަނަ އަހަރުގެ މޭ މަހު، ދެ ޤައުމުގެ ކުރީގެ އެއްބަސްވުމާ އެއްގޮތަށް، ދިވެހިރާއްޖެއިން އިންޑިއާގެ ސިފައިން ފުރައިގެން ދިޔުމަށްފަހު، މި މަތިންދާބޯޓުތައް ހިންގައި ބަލަހައްޓަމުން ގެންދަނީ އިންޑިއާގެ ސިވިލް ޓެކްނިކަލް މުވައްޒަފުންނެވެ. މި މުވައްޒަފުން މަސައްކަތްކުރަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ގުޅިގެންނެވެ. އެމްއެންޑީއެފްއިން މި މަތިންދާބޯޓުތަކުގެ މިޝަންތަކާއި ބޭނުންކުރުމުގެ ބެލެހެއްޓުން ކުރިއަށް ގެންދެއެވެ.
މި ހިންގުމުގެ އޮނިގަނޑު އެކުލަވާލެވިފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އިޙްތިރާމްކުރުމާއެކު، ޚާއްޞަކޮށް ދުރު ރަށްރަށުގެ މުޖުތަމަޢުތަކަށް މުހިންމު ވައިގެ ޚިދުމަތްތައް ލިބެން ހުރިކަން ޔަޤީންކުރުމުގެ މަޤްޞަދުގައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވެފައިވަނީ މި އިންތިޒާމު ކުރިއަށް ގެންދިއުމަކީ ދިވެވެހި ސަރުކާރުން ސީދާ ހުށަހެޅި އެދުމެއްގެ މައްޗަށް ބިނާކޮށް އެއްބަސްވެވުނު ކަމެއް ކަމަށެވެ. އަދި އާ އެއްބަސްވުމެއް ރަސްމީކޮށް ސޮއިކޮށް އިޢުލާނުކޮށްފައި ނުވިނަމަވެސް، ދެ ޤައުމުންވެސް މިހާރު އޮތް ހިންގުމުގެ އެހީތެރިކަން ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މި އެއްބަސްވުން އައުކޮށްފައިވާނެތޯ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު އަރިހުން ސުވާލުކުރުމުން ވިދޅާުވެފައިވަީ> ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެެއްވާ ސިޔާސަތު، އެކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރަކު ނުހުންނާނެ ކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރާއްޖޭގައި ހަރަކާތްތެރިވި އިންޑިއާގެ 76 ސިފައިން މެއި، 2024، ގައި ރާއްޖެއިން ފޮނުވާލި އެވެ. އެކަމަކު އޭގެ ބަދަލުގައި ހަމަ އެ އަދަދަށް އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހިންގާ ކުންފުންޏެއްގެ މުވައްޒަފުން ގެނެސްފައިވެއެވެ.