

މިއަދުގެ ސަރުކާރުގައި އިންތިހާއަށް ދަރަނި ބޮޑުކޮށްފައި އޮތްއިރު އެއްވެސް ދަރަންޏަކަށް ރިޕޭމެންޓް ލިބޭނެ އެއްވެސް މަޝްރޫއެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ 5 އަހަރު ތެރޭގައި މުޅި އިޤްތިސާދު އޮތީ ދޮވެލާފައި ކަމަށާއި އަދި މިއީ ބަދަލުކުރަން އުޅުނަސް ބަދަލެއް ގެނެވޭނެ ކަމެއް ނޫން ކަަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރާ ހަމައަށް މިކަންތައްތައް ވާރުތަވެގެން އައި އިރު ހިސާބުތަކާއި އަދަދުތަކަށް ބައްލަވައި ވިސްނައިވަޑައިގަންނަވަން ޖެހޭނީ ރައީސް މުއިއްޒު ކަމަށެވެ.
މިހާރު ކިތަންމެ ގޮތަކަށް އޭތި އެހެން ގޮތަކަށް ޖަހަން އުޅުނަސް އެކަމެއް ނުވާނެ. އިންތިހާއަށް ދަރަނި ބޮޑު ކޮށްފަ، ބޮޑެތި ދަރަނި ދޫކޮށްފަ، އަދި ބޭރުގެ ދަރަނި އެހާ ބޮޑު، އެތެރޭގެ ދަރަނި އެހާ ބޮޑު، އެއިން އެއްވެސް އެއްޗަކަށް ރިޕޭމެންޓް ލިބޭނެ އެއްވެސް މަޝްރޫއުއެއް އޮތީކީއެއް ނޫން. އެއްވެސް އިޤްތިސާދީ ރިޕޭމެނެޓް ލިބޭ މަޝްރޫއު އެއް ނެތް. ހަމައެކަނި ނިންމެވި މަޝްރޫއުއަކީ ، ބޮޑު ބައެއް ނިންމެވި މަޝްރޫއުއަކީ އެއާރޕޯޓްގެ ޓާމިނަލް.
ރައީސް ޔާމީން ވިދާޅުވީ ބިން ހިއްކުމަކީ އުނދަގޫ ކަމަކަށްވީ ނަމަވެސް އޭގެ ޒާތުގައި އާރބަން ސެންޓަރެއް ހެދުމައް ބިން ހިއްކުމަކީ ފަސޭހަކަމެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑު ކަމަކީ އިންފްރާސްޓްރަކްޗަރ ލިޔުމާއި އާބާދު ކުރުމާއި، ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތައްލުމާއި، އިޤްތިސާދީ މަސައްކަތް ފެށުމާއި ބޭންކްތައް ހިންގުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އިޤްތިސާދީ މަސައްކަތްތައް ފެށުމަކީ ތައްޔާރުވެވަޑައިގަންނަވަން ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ.